ފަސޭހަކަމާއެކު ސީބީއެމް ބަލިކޮށް އެމްއެމްޑީއެފް ސެމީ ފައިނަލުން ޖާގަ ހޯދައިފި
ހަސަން ޝަމްއޫން
9/9/2024, 4:15:01 PM
އެމްއެންޑީއެފް އާއި ސީބީއެމް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ ހުސެއިން
8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަން ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) ވާދަކުރި މެޗު ފަސޭހަކަމާއެކު 29-07 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް އެމްއެންޑީއެފް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
އެމްއެންޑީއެފް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ސީބީއެމް ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސީގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން ބަލިވިއިރު، މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަ ލަނޑުގެ ލީޑަކާއެކު 05-11 ގެ ނަތީޖާއަކުން އެމްއެންޑީއެފް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެމްއެންޑީއެފް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން އިތުރު 18 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ސީބީއެމްއަށް ކާމިޔާބުކުރެވުނީ އެންމެ ދެލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއެންޑީއެފްގެ އަހުމަދު ނަޖީބު އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް 12 ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 12 ޓީމު ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ހިމެނުނުއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދެޓީމުގެ އިތުރުން ތިން ގުރޫޕުން ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް ވެސް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިފައެވެ.