ޔަހޫދީންގެ ވަރުގަދަ މިސައިލް ހަމަލާތަކެއް ސީރިއާއަށް, 14 މަރު!
އަހުމަދު ޝުރާއު
9/9/2024, 8:00:33 AM
އިޒްރޭލުން ސީރިއާގެ މެދުގެ ސަރަހައްދުތަކަށް ދިން މިސައިލް ހަމަލާތަކެއްގައި 14 މީހުން ޝަހީދުވެފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާތަކުން ބުނެފި އެވެ.
ސީރިއާގެ ރަސްމީ ނޫސް އެޖެންސީ ސަނާއިން ބުނީ އާދީއްތަ ދުވަހުގެ ރޭ ދިން މި ހަމަލާގައި ހަމާ ޕްރޮވިންސްގެ މަސްޔަފް ސިޓީ ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. ހަމާ ޕްރޮވިންސްއަށް ދިން ހަމަލާގައި ފަސް މީހަކު ޝަހީދުވެ 19 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް ސަނާއިން ބުނެއެވެ.
މި ހަމަލާތަކުގައި މިހާތަނަށް ޖުމުލަ 14 މީހަކު ޝަހީދުވިކަން ކަށަވަރުވެފައިވާއިރު 43 މީހަކަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
"އާދިއްތަ ދުވަހުގެ ރޭ 23:20 އެހާކަންހާއިރު އިޒްރޭލުގެ ދުޝްމަނުން ލުބުނާނުގެ ހުޅަނގު އުތުރުފަރާތުން ވައިގެ ހަމަލާތަކެއް ދީ، މެދު ތެރޭގެ ސަރަހައްދު [ސީރިއާގެ] އަސްކަރީ ބައެއް ތަންތަނަށް އަމާޒުކޮށް ހަމަލާތައް ދޭން ފެށި،" އަސްކަރިއްޔާގެ އޮފިޝަލަކު ސަނާ ނިއުސް އެޖެންސީއަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވައިގެ ދިފާއީ ނިޒާމުތަކުން އެ ހަމަލާގެ މިސައިލްތަކާ ކުރިމަތިލައި އޭގެ ތެރެއިން ބައެއް މިސައިލްތައް ވައްޓާލީ،" އިތުރު ތަފްސީލެއް ނުދީ އޮފިޝަލް ވިދާޅުވިއެވެ.
މި ހަމަލާއާއި ގުޅޭގޮތުން މިހާތަނަށް އިޒްރޭލުގެ އަސްކަރިއްޔާއިން ވަކި އެއްޗެކޭ ބުނެފައެއް ނުވެއެވެ.