
--
މިރެއަކީ އަނެއްކާވެސް ގިނަ ބަޔަކު ދިގު އިންތިޒާރެއްގެ ކުރަމުން އައި ކަމެއްގެ ނިމުން އޮތް ރެއެވެ. ދުނިޔޭގެ އެންމެ މަގްބޫލު ފޯނު, އަދި ދިވެހިންގެ މެދުގައިވެސް އެންމެ މަގުބޫލު އެއް ފޯނު ކަމަށްވާ އައިފޯންގެ އައު އެޑިޝަން މިރޭ ދައްކާލާނެ އެވެ.

އެޕަލްއިން ދަނީ މިރޭ އެކުންފުނީގެ ޚާއްސަ އިވެންޓު ބޭއްވުމަށް ތައްުޔާރުވަމުންނެވެ. ކޮންމެ އަހަރެއްގެވެސް ދެވަނަ ކުއާޓަރުގައި ބާއްވާ މި ޚާއްސަ އިވެންޓެ ވެގެންދަނީ އައިފޯންގެ އައު އެޑިޝަން ލޯންޗުކުރާ އިވެންޓަށެވެ. އެގޮތުން މިރޭ ލޯންޗުކުރަން ހަމަޖެހިފައިވަނީ އައިފޯން 16 އެވެ.
މި އިވެންޓަށް ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ އިރު އިވެންޓު ފަށަން ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ 22:00 ގައި އެވެ. މި އިވެންޓު އެޕަލްގެ ރަސްމީ ވެބްސައިޓުން ލައިވްކޮށް ދެއްކުމަށް ވަނީ ނިންމާފައެވެ.
މިރޭ ލޯންޗުކުރާ އައިފޯން 16 އާއި ބެހޭގޮތުން ގިނަ ރިޕޯޓުތަކެއް އާންމުވެފައި ވެއެވެ. އެގޮތުން ގިނަ ރިޕޯޓުތައް ބުނާގޮތުގައި އައިޕޯން 16 އާއި މިދިޔަ އަހަރު އެޕަލް އިން ނެރުނު އައިފޯން 15 އާއި ދެމެދު ޑިޒައިންގެ މާބޮޑު ތަފާތެއް ނުހުންނާނެ އެވެ. ތަފާތު ވެގެންދާނީ ފޯނުގެ ޕާފޯމެންސްއާއި ބައެއް މުހިންމު ފީޗާތަކެކެވެ. އެގޮތުން އެންމެ ޔަގީންކޮށް ތަފާތު ވެގެންދާނެ ފީޗާއެއްގެ ގޮތުގައި ރިޕޯޓުތައް ބުނަނީ ފޯނުގެ ކެމެރާއެވެ.
މިރޭގެ އިވެންޓުގައި ދެން ލޯންޗުކުރާނެ ކަމަށް އަޑުފެތުރިފައިވާ އެޕަލް ޕްރޮޑަކްޓަކީ އެޕަލް ވޮޗް ނުވަތަ އައިވޮޗް އެވެ. އެގޮތުން މިރޭ އެޕަލް ވޮޗްގެެ 10 ވަނަ ސީރީސް ލޯންޗުކުރާނެ ކަމަށް ބެލެވެއެވެ. މިއީ އެޕަލް ވޮޗުގެ 10 ވަނަ އެޑިޝަން ކަމަށްވުމުން މިފަހަރުގެ ވޮޗަށް ބޮޑެތި ބަދަލު ތަކެއް އަންނާނޭ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.






