ފަހަތުން އަރައި ސްކޮޓްލޭންޑް އަތުން މޮޅުވެ ޕޯޗުގަލް ގުރޫޕްގެ އެއްވަނައަށް
ހަސަން ޝަމްއޫން
9/8/2024, 9:18:04 PM
ރޮނާލްޑޯ އާއި ބްރޫނޯ ފެނާންޑޭޒް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
ޔުއެފާ ނެޝަނަލް ލީގު ގުރޫޕް އެކެއްގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑު ސްކޮޓްލޭންޑާއި ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޕޯޗުގަލް އިން ގުރޫޕްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މި މުބާރާތުގައި ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުގައި ކްރޮއޭޝިއާ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ސްކޮޓްލެންޑްގެ ފުރަތަމަ މެޗުގައި 3-2 ގެ ނަތީޖާއަކުން ޕޮލެންޑް އަތުން އެޓީމު ވަނީ ބަލިވެފައެވެ.
ޕޯޗުގަލްގެ ވެރިރަށް ލިޒްބަންގައި ކުޅެވުނު މިމެޗު ބަދަލުތަކަކާއެކު އެޓީމުން ފެށި އިރު، މިދިޔަ ހަފްތާގެ ބުރާސްފަތި ކެރިއަރުގައި 900 ވަނަ ލަނޑު ކާމިޔާބުކުރި އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މެޗު ފެށީ ބެންޗުންނެވެ. އަދި މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެ ކުޅެ ޕޯޗުގަލް އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސްކޮޓްލޭންޑުންނެވެ.
މިލަނޑު މެޗު ފެށިގެން ހަތް ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށް ނަޕޯލީގެ ތަޖުރިބާކާރު މިޑްފީލްޑަރު ސްކޮޓް މެކްޑޮމިނޭ އެވެ. އަދި މިއީ މިހާފުގައި އެޓީމުން ޕޯޗުގަލްގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާއެވެ. އަދި މިހާފުގައި ޕޯޗުގަލް އިން ވަނީ ސްކޮޓްލޭންޑްގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި1-0 ގެ ނަތީޖާއަކުން ސްކޮޓްލޭންޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ޕޯޗުގަލް އިން ފެށީ ބަދަލަކާއެކުގައެވެ. އެގޮތުން މިހާފުގައި އެޓީމުގެ ކެޕްޓަން ރޮނާލްޑޯ ކުޅެން ނުކުތްއިރު، މިހާފުގައި އެޓީމުން ވަނީ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ބުރޫނޯ ފެނާންޑޭޒް އެވެ.
ޕޯޗުގަލް މެޗުން މޮޅުވި ލަނޑު ދެވަނަ ހާފުގެ 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި 901 ވަނަ ލަނޑުގެ ތެރެއިން ގައުމީ ޓީމަށް ކާމިޔާބުކޮށްދިން 132 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ކުޅުނު ދެމެޗުން މޮޅުވެ ޕޯޗުގަލްއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ސްކޮޓްލޭންޑް ކުޅުނު ދެމެޗުން އެޓީމު ބަލިވެފައިވާއިރު ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.