
--
ރާއްޖޭގައި މިމަހު ފެށުމަށް ތައްޔާރުވަމުން އަންނަ ބަންކަރިންގ ހިދުމަތުގައި ވެމްކޯއިންވެސް ހިދުމަތް ފޯރުކޮށްދޭން މަޝްވަރާކުރަމުން އަންނަ ކަން އެކުންފުނީން ހާމަކޮށްފި އެވެ.

މިކަން ހާމަކުރެއްވީ ރޭ ދައުލަތުގެ މީޑިއާއިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލް އެވެ.
މުޖުތަބާ ވިދާޅުވީ ރާއްޖޭގައި ފަށާ ބަންކަރިންގ ހިދުމަތުގައި ވެެމްކޯގެ ދައުރުވެސް އޮންނާނެ ކަމަށާއި އެކަމުގެ މަޝްވަރާތައް މިހާރުވެސް އެމްޕީއެލްއާއި އެކު ކުރިޔަށްދާ ކަމަށެވެ. އެގޮތުން ބަންކަރިންގ ހިދުމަތުގައި ކުނި މެނޭޖްކުރުމަކީވެސް ބޮޑު ޕޯޝަނެއް އޮތް މަސައްކަތެއްކަން ފާހަގަކުރައްވައި މުޖުތަބާ ވިދާޅުވީ އެކަމަށްޓަކައި ވެމްކޯގެެ ތެރެއިންވެސް ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ބަންކަރިންގ ހިދުމަތުގެ ތެރެއަށް ވަނުމަށް ނޯތު ރީޖަންގައި މިހާރު ތަރައްޤީކުރަމުން އަންނަ ރީޖަނަލް ވޭސްޓް މެނޭޖްމެންޓު ސެންޓަރުގެ މަސައްކަތް ނިންމައި އޮޕަރޭޝަނަށް ގެންނަން ޖެހޭކަން މުޖުތަބާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ އުތުރުގެ ރީޖަނަލް ސެންޓަރު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ހދ ކުނބުރުދޫގައި ކަމަށާއި އެރަށުގެ ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ބޮޑު އިންސައްތައެއް އަންނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މިވަގުތު އުތުރުގެ އިތުރު ރަށްތަކުގައި ކުނި މެނޭޖްކުރުމުގެ ހިދުމަތް ފެށުމަށްވެސް ކުނބުރުދޫގައި ޤާއިމްކުރާ ސެންޓަރު މުހިންމުކަން މުޖުތަބާ ފާހަގަކުރެއްވި އެވެ.
ވެމްކޯއިން ރާއްޖޭގެ އުތުރުން މިވަގުތު ކުނި ނެގުމުގެ ހިދުމަތް ދެމުން އަންނަނީ ކުޅުދުއްފުށީ ސިޓީގައި އެކަންޏެވެ.
ވެމްކޯއިން ބަންކަރިންގ ހިދުމަތުގެ ތެރެއަށް ވަނުމަށް މަޝްވަރާކުރަމުން އަންނައިރު މި ހިދުމަތް ރާއްޖޭގައި ދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރާ އެމްޕީއެލުން އަންނަނީ ބަންކަރިންގ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދިނުމަށް ޤާއިމްކުރަން ޖެހޭ ހިދުމަތްތައް ފުރިހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސަރުކާރުން ބަންކަރިންގ ހިދުމަތް ރާއްޖޭގައި ފެށުމަށް ތައްޔާރުވަމުން އަންނަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.
ގުޅުންހުރި

ވެމްކޯގެ ހޮބާ ހިދުމަތާއި ފަތުރުވެރިކަމާއި ތިމާވެއްޓާއިބެހޭ ވުޒާރާއިން ގުޅިއްޖެ

ދިއްދޫގެ ގޭބިސީތަކުން ވެމްކޯގެ ކުނި އުކާލުމުގެ ޚިދުމަތަށް މާދަމާއިން ފެށިގެން ރަޖިސްޓްރީ ކުރެވޭނެ!

އިހަވަންދޫގައި ވެމްކޯގެ ހިދުމަތް ފެށުމަށްޓަކައި ކައުންސިލާއިއެކު ފުޅާ މަޝްވަރާތަކެއް!
