logoEN
cocacola
ކޭވީސީ ބަލިކޮށް ޕްރިޒަން ކުލަބުން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި

ކޭވީސީ ބަލިކޮށް ޕްރިޒަން ކުލަބުން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި

ހަސަން ޝަމްއޫން

logo

9/1/2024, 11:45:06 AM

# އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތް 2024# ދިވެހި ކުޅިވަރު # ހޭންޑް ފުޓް އެންޑް މައުތް# ފިރިހެން ދެވަނަ ޑިވިޝަން

ކޭވީސީ އާއި ޕްރިޒަން ކުލަބު ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން

8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަން ގުރޫޕް ބީގައި މިއަދު މެންދުރު ޕްރިޒަން ކުލަބާއި ކުޅިވަރު ވުޒާރާ ކުލަބު (ކޭވީސީ) ވާދަކުރި މެޗު 18-32 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޕްރިޒަން ކުލަބުން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ގޮސިޔާ

މުބާރާތުގައި ޕްރިޒަން ކުލަބް ކުޅުނު ފުރަތަމަ މެޗުގައި ސަން ސިޔާމް ރިސޯޓް (އެސްއެސްއާރު) އަތުން 28-15 ގެ ނަތީޖާއަކުން އެޓީމު މޮޅުވިއިރު، ދެވަނަ މެޗުގައި ކުލަބު ހައުސިންގ ޑިވޮލަޕްމަން ކޯޕަރޭޝަން (ސީއެޗްޑީސީ) އަތުން އެޓީމު މޮޅުވީ 23-22 ގެ ނަތީޖާއަކުންނެވެ. އަދި ކޭވީސީގެ ފުރަތަމަ މެޗުގައި ސީއެޗްޑީސީ އަތުން 27-14 ގެ ނަތީޖާއަކުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި އެސްއެސްއާރު އަތުން އެޓީމު ބަލިވީ 18-19 ގެ ނަތީޖާއަކުންނެވެ.

ހޮނިހިރު ދުޗަހުގެ ރޭ ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ޕްރިޒަން ކުލަބުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 09 ލަނޑުގެ ލީޑަކައެކު 16-07 ގެ ނަތީޖާއަކުން ޕްރިޒަން ކުލަބު ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގެ ކުޅުން ނިމެން ހަތް މިނެޓަށްވެފައި ވަނިކޮށް ވިއްސާރަވެ މޫސުން ގޯސްވުމުގެ ސަބަބުން މެޗުގެ ކުޅުން ވަނީ މެދު ކަނޑާލާފައެވެ. އަދި މެޗުގެ ދެވަނަ ހާފުގެ ބާއީ އޮތް ހަތް މިނެޓް މިއަދު ކުޅުނުއިރު، ދެވަނަ ހާފުގައި ޕްރިޒަން ކުލަބުން އިތުރު 16 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ކޭވީސީއަށް ކާމިޔާބުކުރެވުނީ ނުވަ ލަނޑެވެ.

އެގޮތުން މިމެޗުގައި ޕްރިޒަން ކުލަބްގެ މުހައްމަދު މަމްދޫހް ނުވަ ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަލީ އާސިފް ވަނީ ހަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ އަލީ އަމީޒް އަދި އަބްދުﷲ ޝާކިރު މިއިން ކޮންމެ ކުޅުންތެރިއަކު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ މިންނާމް އަލީ އަދި ތައުޒީމް އަހުމަދު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އަމްސަލް ރަޝީދު ދެ ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ހައިޝަމް އަބްދުﷲ އެވެ.

މީގެ އިތުރުން މިމެޗުގައި ކޭވީސީގެ ހަސަން އަފީފް ހަތް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އިސްމާއިލް އަޒްމީން ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ އަލީ ރުޒާމް ތިން ލަނޑު، އަދި އަބްދުﷲ ނިޝާދު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އިބްރާހިމް ރީހާން އަދި މުހައްމަދު ހައިޝަމް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕްރިޒަން ކުލަބްގެ އަލީ އާސިފް އެވެ.

މިނަތީޖާއެކު ކުޅުނު ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި ޕްރިޒަން ކުލަބް އޮތްއިރު، މިމެޗުން ބަލިވި ކޭވީސީ ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ދެވަނަ ޑިވިޝަނުގައި 12 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ހިމެނޭއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމުގެ އިތުރުން ތިން ގުރޫޕްގެ ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެޓީމުވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ