
އެމްޑަބްލިޔުއެސްސީއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮންޑުއިޓް ހޮޅި އުފައްދާ ބާޒާރަށް ނެރެފި
# އެމްޑަބްލިއުއެސްސީ--
މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ކަރަންޓް ވަޔަރު ކުރުމަށް ބޭނުންވާ ކޮންޑިއުޓް ހޮޅި މުޅިން އަލަށް ރާއްޖޭގައި އުފައްދައި ބާޒާރަށް ނެރެފި އެވެ.

އެމްޑަބްލިއުއެސްސީގެ މި ޚާއްސަ ޕްރޮޑަކްޓު މިއަދު ބާޒާރަށް ނެރުން އިފުތިތާހުކޮށް ދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދެވެ.
އެކުންފުނިން ބުނީ އަލަށް ބާޒާރަށް ނެރުނު ކޮންޑިއުޓް ހޮޅި އުފައްދާފައިވަނީ ގުޅީފަޅުގައި 2015 ވަނަ އަހަރު އެކުންފުނިން ގާއިމްކޮށްފައިވާ ހޮޅި އުފައްދާ ކާރުޚާނާގައި ކަމަށެވެ.
އެގޮތުން މިއަދު ވަނީ ފަސް ސައިޒެއްގެ، ފެންވަރު ރަނގަޅު، ކޮންޑުއިޓް ހޮޅި އުފައްދައި ބާޒާރަށް ނެރެފަ އެވެ. މިގޮތުން، ކަރަންޓް ވަޔަރިންގެ އެކި މަސައްކަތްތަކުގެ ބޭނުމަށް އުފައްދާ ތަފާތު ހަތަރު ސައިޒުގެ ތެރޭގައި؛ 16 މިލިމީޓަރާއި، 20 މިލިމީޓަރާއި، 25 މިލިމީޓަރާއި، 32 މިލިމީޓަރުގެ އިތުރުން 40 މިލިމީޓަރުގެ އެކި ކުލައިގެ ކޮންޑުއިޓް ހޮޅި ހިމެނެ އެވެ.
އެމްޑަބްލިޔުއެސްސީގެ ހޮޅި އުފައްދާ ކާރުޙާނާއަކީ އައި.އެސް އޯ 9001 އަށް ސެޓިފައި ކުރެވިފައިވާ ކާރުޙާނާއެކެވެ.
އެ ކުންފުނިން ބުނީ ކޮންޑިއުޓް ހޮޅި އުފައްދައި ބަޒާރަށް ނެރެ ވިއްކަން ފެށުމުން، ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކާއި ހާޑްވެއަ ފިހާރަތަކަށް އެކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖެ އިން ބޭރުން ކޮންޑިއުޓް ހޮޅި އެތެރެ ކުރަން ނުޖެހި، އަވަހަށް ފަސޭހަ އިން ހޮޅި ލިބޭނެ އިންތިޒާމު މިހާރު ފަހިވެގެން ދިޔައީ ކަމަށް ވެސް އެމްޑަބްލިއުއެސްސީއިން ބުންޏެވެ.
މިކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ވެސް އޭގެ ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް އެކުންފުނިން ބުނެއެވެ.
ގުޅުންހުރި

އެމްޑަބްލިއުއެސްސީއިން ފައިނުގައި ޤާއިމްކުރި ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙްކޮށްފި

އާރުޑީސީއާއި އެމްޑަބްލިއުއެސްސީގެ އެހީތެރިކަމާއި އެކު މާލޭގެ ސްޓޯރމް ވޯޓަރ ނެޓްވޯރކް ސާފުކުރަނީ

އެމްޑަބްލިއުއެސްސީއިން 400 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަނީ
