logoEN
cocacola
ދެވަނަ ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު އާސެނަލް އިން އެސްޓަންވިލާ ބަލިކޮށްފި

ދެވަނަ ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއެކު އާސެނަލް އިން އެސްޓަންވިލާ ބަލިކޮށްފި

ހަސަން ޝަމްއޫން

logo

8/24/2024, 7:22:21 PM

# އާސެނަލް# އިގިރޭސި ޕްރިމިއާ ލީގް# ބޭރު ދުނިޔޭގެ ކުޅިވަރު# އެސްޓަން ވިލާ

އާސެނަލް އާއި އެސްޓަންވިލާ ވާދަކުރި މެޗުގެ ތެރެއިން..

އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި އެސްޓަންވިލާއި އާސަނަލް ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އާސެނަލް އިން ލީގު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ގޮސިޔާ

ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުގައި ވުލްވްސް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، އެސްޓަންވިލާ އިން އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން ވެސްޓްހަމް ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖައަކުން ދެޓީމު އެއްވަރުވެފައި އޮވެގެނަނެވެ.

މެޗުގެ ދެވަނަ ހާފުގައި އާސެނަލް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބެލްޖިއަމްގެ ފޯވާޑް ލިއަންޑްރޯ ޓްރޮސާޑް އެވެ.

އާސެނަލް އިން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ގާނާ މިޑްފީލްޑަރު ތޮމަސް ޕާޓޭއެވެ. މިއީ އެޓީމުގެ އިގިރޭސި ފޯވާޑް ބަކަޔޯ ސަކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖައަކުން އާސެނަލް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ކުޅުނު ދެމެޗުން އާސެނަލްއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ. އަދި މިމެޗުން ބަލިވި އެސްޓަންވިލާ ކުޅުނު ދެމެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 12 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ