ކާބޯތަކެތި ހެދުމަށް ބުޅާ މަސް ގެންގުޅުނުތޯ ބަލަން ސާމްޕަލް ނަގައިފި
އަހުމަދު ޝުރާއު
8/22/2024, 3:55:00 PM
--
މާލޭގައި ބުޅާ މަހުން ކާނާ ތައްޔާރުކޮށް ވިއްކި ކަމަށް ބުނާ ބިދޭސީ މީހާ ދިރިއުޅުނު ގޭގެ ބަދިގޭގައި ބުޅާ މަސް ހުރިތޯ ނުވަތަ ނޫންތޯ ކަވަށަރު ކުރުމަށް ސާމްޕަލް ނަގައި ޓެސްޓުކުރަމުންދާކަން ހާމަކޮށްފި އެވެ.
މިކަން ހާމަކުރެއްވީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން އެވެ. އެގޮތުން އިހްސާން ވިދާޅުވީ މިކަމުގެ ތުހުމަތު ކުރެވޭ މީހާ ދިރިއުޅޭ ގޭގައި ބުޅާ ގެންގުޅޭ ކަމަށް ޝައްކުކުރެވޭ ކަމަށް ބުނެ މައްސަލަތަކެއް ހޯމް މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށާއި ނަމަވެސް ބުޅާ މަސް ބޭނުންކޮށްގެން ކާއެއްޗެހި ތައްޔާރުކުރާ މައްސަލައެއް އަދި މިހާތަނަށް ހުށަހެޅިފައިނުވާ ކަމަށެވެ.
ނަމަވެސް އެކަން ކަށަވަރުކުރުމަށްޓަކައި އެތަނުގެ ސާމްޕަލް ނަގައި އެ ޓެސްޓުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެތަން އިމާރާތުގެ ވެރި ފަރާތާއި ހަވާލުކޮށްފައިވާ ކަމަށް އިހްސާން ވިދާޅުވިއެވެ. އަދި ސާމްޕަލްތަކުގެ ނަތީޖާ ލިބުނު އަވަހަކަށް އެކަން އާންމުކޮށް އަންގާނޭ ކަމަށްވެސް އިހްސާން ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ހުށައެޅިފައި އޮތް މައްސަލައެއް ނޫން ބުޅާ މަސް އަޅައިގެން އެއްޗެހި ހަދައިގެން މީހުންނަށް ވިއްކި ކަމަކަށް. ނަމަވެސް އެ ކޮންސާން އޮތީތީވެ ފުލުހުންގެ ފަރާތުން އެ މައްސަލަ އެބަ ތަހުގީގު ކުރޭ،" މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
ބުޅާ މަސް އަޅައިގެން ކާއެއްޗެހި ތައްޔާރުކޮށް، އެ ތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމުގެ ތުހުމަތުވަނީ ބަންގްލަދޭޝްގެ، އަރަފާތު ހޮސެއިން (32އ ) އެވެ. އޭނާ މިހާރު ހުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގަ އެވެ.
އިހްސާން ވިދާޅުވީ އަރަފާތުގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވި ނުވަތަ ތަހުގީގުކުރާ ހާލަތެއް އަދި ނާންނާތީ މިވަގުތު އޭނާ ހުރީ ވިޒާ ވައިލޭޝަންގެ މައްސަލައެއްގައި އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ކަމަށެވެ. ނަމަވެސް ފުލުހުން އެ މައްސަލަ ތަހުގީގުކޮށް ތަހުގީގު ނުމުމުން ނޫނީ އަރަފާތު ޑީޕޯޓު ނުކުރެވޭނެ ކަމަށް އިހްސާން ވިދާޅުވިއެވެ.
ގ. ރަނައުރާގެއާގޭގައި ކޮޓަރިއެއް ކުއްޔަށް ހިފައިގެން އުޅޭ އަރަފާތު ބުޅާ މަހުން ކާތަކެތި ތައްޔާރުކުރާ ކަމަށް ބުނާ މައްސަލަ އިދާރާތުގެ ސަމާލުކަމަށް އެންމެ ފުރަތަނަ ގެނައީ ފެލިން ވެލްފެއާ އޯގަނައިޒޭޝަން ކިޔާ އެންޖީއޯ އަކުންނެވެ. އަދި އެގެއިން ބުޅާ ރޯއަޑު އިވޭ ކަމަށާއި އެގެ ހުންނަ ސަރަހައްދުން ރަހުމްކުޑަކޮށް މަރާލާފައިވާ ބުޅާތައް ފެންނަ ކަމަށް އެސަރަަހައްދުގައި އުލޭ ބައެއް ފަރާތްތަކުން ވަނީ ބުނެފައި އެވެ.