
--
ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ނައިބު ރައީސްއަކަށް އެކޮމެޓީގެ މެމްބަރު ފާތިމަތު ނަޒާހާ ނައީމް އިންތިހާބުކޮށްފި އެވެ.

ނަޒާހާ, ކޮމެޓީގެ ނައިބަކަށް އިންތިހާބުކުރީ އިއްޔެ ބޭއްވި އޮކޮމެޓީގެ ފުރަތަމަ ޖަލްސާގައި ނެގި ސިއްރު ވޯޓަކުންނެވެ. އިއްޔެގެ ޖަލްސާގައި ކޮމެޓީގެ ހުުރިހާ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު "ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ" ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ މިމަހުގެ 12 ވަނަ ދުވަހު އެވެ. މި ކޮމެޓީގައި ޖުމުލަ 15 މެމްބަރުން ތިއްބަވައެވެ. އަދި ގިނަ ޒުވާނުންނަށް މި ބޯޑުގައި ބައިވެރިވުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން، ރިޔާސީ ދައުރެއްގައި 2 ފަހަރު ބޯޑު އެކުލަވާލުމަށް ވަނީ ނިންމަވާފައެވެ.
ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ މަޤުޞަދަކީ، ސަރުކާރުގެ މެނިފެސްޓޯއާއި، މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި، ޒުވާނުންގެ ޚިޔާލާ މަޝްވަރާ ހޯދައި، މިފަދަ ކަންކަމުގައި ކުރިއަށްދާންވީ ގޮތްތަކާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމާއި، ތަފާތު އެކި ދާއިރާތަކުގައި ޒުވާނުންގެ ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ޤައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި، ޙައްލު ހޯދުމަށް، މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމެވެ.
ޒުވާނުންނާ ގުޅޭ ކަންކަމުގައި ޒުވާނުން ގޮތް ނިންމާ، ޒުވާނުންނަށް އަދާއި މާދަމާވެސް ޤައުމުގެ އިސް ސަފުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދީ، ޒުވާނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ހަރުދަނާ ޒުވާނުންގެ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނި، ޚާއްޞަ އަހަންމިއްޔަތުކަމެއް ދީގެން މި ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތެކެވެ.
މި ބޯޑަކީ ރައިސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް އެކުލަވާލާ ބޯޑަކަށްވުމުން، މި ބޯޑުގެ ސެކްރެޓޭރިއޭޓް ބަލަހައްޓާނީ ޔޫތު މިނިސްޓްރީއިންނެވެ.