--
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި ހަފުތާގައި ޔޫކްރޭނަށް ވަޑައިގަންނަވަން ނިންމާފައިވާކަން އިންޑިއާ ސަރުކާރުން ހާމަކޮށްފި އެވެ.
30 އަހަރުގެ ތެރޭގައި އިންޑިއާގެ އިސް ލީޑަރަކު ޔޫކްރެއިނަށް ކުރައްވާ މި ޚާއްސަ ދަތުރުފުޅުގައި މޯދީ ޔޫކްރެއިނަށް ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު ކަމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން މިރޭ ވަނީ ބުނެފައި އެވެ.
މި ދަތުރުފުޅުގައި މޯދީ ޔޫކްރެއިންގެ ރައީސް ޒެލެންސްކީއާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އިސް އޮފިޝަލެއް ކަމަށްވާ ތަންމަޔާ ލާލް ވިދާޅުވީ މޯދީގެ މި ދަތުރުފުޅުގެ ސަބަބުން ދިފާއީ، އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތަކާއި ސައިންސާއި ޓެކްނޮލޮޖީ އާއި އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ދެ ލީޑަރުންނަށް މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ޔޫކްރެއިންގެ ރިޔާސީ އޮފީހުން ވެސް މޯދީގެ މި ދަތުރުފުޅު އިއުލާނުކޮށް ބުނީ މިއީ މޯދީގެ ފުރަތަމަ ދަތުރުފުޅު ކަމަށާއި މި ދަތުރުފުޅުގައި ދެ ލީޑަރުން އެއްބާރުލުން ދިނުމުގެ ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައި "ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ކޯޕަރޭޝަންގެ ކަންކަމާ ބެހޭ ގޮތުން" މަޝްވަރާ ކުރައްވާނެ ކަމަށެވެ.
މޯދީ ޔޫކްރެއިންއަށް ކުރައްވާ ދަތުރުފުޅަކީ މިދިޔަ ޖުލައި މަހު ރަޝިއާގެ މިސައިލްތައް ޔޫކްރެއިންގެ އެކި ސަރަހައްދުތަކަށް ހަމަލާދީ އެތައް ބަޔަކު މަރުވި ދުވަހު މޯދީ ރަސްމީ ދަތުރުފުޅެއްގައި ރަޝިޔާއަށް ވަޑައިގެން ޕުޓިން އާއި ބައްދަލުކުރެއްވުމާއި ގުޅިގެން މޯދީގެ އެ ދަތުރުފުޅަށް ޒެލެންސްކީ ފާޑުވިދާޅުވިތާ މަހެއްހާ ދުވަސް ފަހުންކުރައްވާ ދަތުރުފުޅެކެވެ.
މޯދީ ޔޫކްރެއިނަށް ވަޑައިގަންނަވާ މި ދަނޑިވަޅަކީ ޔޫކްރެއިން ރަޝިޔާ ހަނގުރާމަވެސް ހޫނުވެފައިވާ ދަނޑިވަޅެކެވެ.