އިންޑިއާގެ ހޮސްޕިޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ތުއްތު 10 ކުދިން މަރުވެއްޖެ
އަހުމަދު ޝުރާއު
11/16/2024, 5:47:25 AM
--
އިންޑިއާގެ އުތުރުގެ ހޮސްޕިޓަލެއްގެ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ތުއްތު 10 ކުއްޖަކު މަރުވެ 16 ކުއްޖަކު ޒަހަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
އުއްތަރު ޕްރަދޭޝް ސްޓޭޓްގެ ޖާންސީ ސިޓީގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެފައިވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޮފިޝަލުން ވިދާޅުވީ އަލިފާންގަނޑު ވަރަށް އަވަހަށް ފެތުރިގެން ދިޔައީ 55 ތުއްތު ކުއްޖަކަށް ފަރުވާ ދެމުން ދިޔަ ވޯޑުން ކަމަށެވެ. އަދި 45 ކުއްޖަކު ސަލާމަތްކޮށް ފަރުވާ ދެމުން އަންނަ ކަމަށް އެ ގައުމުގެ އޮފިޝަލަކު ކަމަށްވާ ބިމަލް ކުމާރު ދުބޭ ވިދާޅުވި އެވެ.
އަލިފާން ރޯވީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެ އެވެ. ސްޓޭޓްގެ ޑެޕިއުޓީ ޗީފް މިނިސްޓަރު ބްރަޖޭޝް ޕަތަކް ވަނީ ހޮނިހިރު ދުވަހު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އާއިލާތަކާ ބައްދަލުކުރައްވާފައެވެ. އަދި މި ހާދިސާގައި މަރުވި ކުދިންގެ އާއިލާތަކަށް ސަރުކާރުގެ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައި، ފުރިހަމަ ތަހުގީގެއް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.
"މި ހިތާމަވެރި ހާދިސާގައި ޒިންމާވާންޖެހޭ ފަރާތްތައް ދެނެގަނެ ހަރުކަށި ފިޔަވަޅު އަޅާނަން. މި ދަތި ދަނޑިވަޅުގައި ވެސް ސަރުކާރުން ތިބީ އާއިލާތަކާ އެކު،" އޭނާ ވިދާޅުވި އެވެ.
އަލިފާން ނިއްވާ މީހުން އައިއިރު ވޯޑުގައި ވަނީ އަލިފާން ރޯވެ ދުމުގެ އަސަރުކޮށްފަ އެވެ. އަލަށް އުފަންވި ތުއްތު ކުދިންނާ ހަމައަށް ވާސިލުވުމަށް ފަޔާފައިޓަރުންނަށް ޖެހުނީ ބިއްލޫރިތައް ތަޅާލައިގެންނެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފެށުނީ އަލިފާން ރޯވިތާ ގާތްގަނޑަކަށް 30 ވަރަކަށް މިނެޓު ފަހުން ކަމަށާއި އެކަމުގެ ސަބަބުން މީހުންސަލާމާތްކުރުމުގެ ދަތިތަކެއް ދިމާވި ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ހޮސްޕިޓަލުގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.