
ބެޑްމިންޓަން އެސޯސިއޭޝަން ހިންގުން ވަގުތީގޮތުން ކުޅިވަރާބެހޭ ޤައުމީ މަޖިލީހާއި ހަވާލުކޮށްފި
# ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް--
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގުން ވަގުތީގޮތުން ކުޅިވަރާބެހޭ ޤައުމީ މަޖިލީހާއި ހަވާލުކޮށްފި އެވެ.

މިކަން ހާމަކުރެއްވީ ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ. އެގޮތުން ތޮލާލް ވިދާޅުވީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ހިންގުން ވަގުތީ ގޮތުން އެ އެސޯސިއޭޝަންގެ މުއައްސިސް (ކުޅިވަރާބެހޭ ޤައުމީ މަޖިލިސް) އާއި ޙަވާލު ކުރުމަށް ނިންމާ، އެކަން އެ އެސޯސިއޭޝަނަށް މިއަދު ވާނީ އަންގާފައި ކަމަށެވެ.
އަދި އެސޯސިއޭޝަންގެ އައު ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ މަޝްވަރާއާއެކު ވަނީ ފެށިފައި ކަމަށްވެސް ތޮލާލް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނުގައިވާ ގޮތުގެ މަތީން އުފައްދާފައިވާ ކުޅިވަރާބެހޭ ގައުމީ މަޖިލީހުގައި ތިއްބަވަނީ ޖުމުލަ 11 މެމްބަރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ކުޅިވަރާއި ބެހޭ ވަޒީރު އައްޔަނުކުރައްވާ 4 މެމްބަރުންނާއި ގާނޫނީ ވަކީލަކާއި އެޑިއުކޭޝަން މިނިސްޓްރީގެ ތަމްސީލުކުރުމަށް އައްޔަނުކުރާ ފަރާތަކާއި ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލުކުރުމަށް ދެ މެންބަރުން އަދި ނޮން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލުކުރުމަށް ދެ މެންބަރުންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީން ކަނޑައަޅާ އެއް މެންބަރެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުން ކުޅިވަރާބެހޭ ޤައުމީ މަޖިލީހާއި ހަވާލުކޮށްފައިމިވަނީ ބެޑްމިންޓަން އެސޯސިއޭޝަންގެެ އިންތިހާބު ކަމިޝަނަރ އޮފް ސްޕޯޓްސްއިން ހުއްޓުވުމާއި އެކު އެސޯސިއޭޝަންގެ ރައީސްކަމުގައި ހުންނެވި މޫސާ ނާޝިދު އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ އެސޯސިއޭޝަންގެ ހިންގުން ހުއްޓިފައި އޮތް ދަނޑީވަޅެއްގައި އެވެ.
ގުޅުންހުރި

ބީއެމްއޭގެ ގައުމީ ހައިސިިއްޔަތު ވަގުތީ ގޮތުން ނަގައިފި

ޒެމްބިއާ މުބާރާތުގެ ޑަބަލްސް އިވެންޓުން ރާއްޖޭގެ ނަބާހާ އާއި ނަބީހާގެ ޕެއާ ރަންމެޑަލް ހޯދައިފި

ބެޑްމިންޓަން އެސޯސިއޭޝަން ހިންގުން ވަގުތީގޮތުން ކުޅިވަރާބެހޭ ޤައުމީ މަޖިލީހާއި ހަވާލުކޮށްފި
