logoEN
cocacola
ރާއްޖޭގައި ލޭނު މަސްވެރިކަމަށް ހުޅުވާލަނީ

ރާއްޖޭގައި ލޭނު މަސްވެރިކަމަށް ހުޅުވާލަނީ

# ފިޝަރީޒް މިނިސްޓްރީ

-

ރާއްޖޭގައި ލޭނު މަސްވެރިކަމަށް ހުޅުވާލަން ތައްޔާރުވަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފި އެވެ.

ގޮސިޔާ

ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ, ދިވެހިރާއްޖެއިން ބާނާ ކަނޑުމަހުގެ ބާވަތްތަކަކީ ދުރު ރާސްތާއަށް ހިޖުރަ ކުރާ، އަދި މުޅި އިންޑިއާ ކަނޑަށް ފެތުރިފައިވާ، އެއް އާބާދީއަކުން ގިނަ ގައުމުތަކަކުން މަސްވެރިކަން ކުރާ ބާވަތްތަކެއް ކަމަށެވެ. އެހެންކަމުން މިބާވަތްތަކަށް އަމާޒުކޮށް ކުރެވޭ މަސްވެރިކަން ރާވައި،ހިންގައި، ބަލަހައްޓަނީ އިންޑިއާ ކަނޑުގެ ކަނޑުމަސްވެރިކަން ބަލަހައްޓާ ސަރަޙައްދީ ޖަމުޢިއްޔާ ކަމުގައިވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) އިންނެވެ. އެ ކޮމިޝަނުން ނިންމާ ނިންމުންތައް ދިވެހިރާއްޖެ ހިމެނޭ ގޮތަށް ކޮމިޝަންގެ އެންމެހައި މެންބަރު ޤައުމުތަކުން ޤައުމީ ފެންވަރުގައި ތަންފީޒުކުރުމަށް ލާޒިމްވާ ކަމަށް ބުނެފައިވެއެވެ.

އިންޑިއާ ކަނޑުގެ ލޯބޮޑު ކަންނެލި އަދި ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި، މި ސްޓޮކުން ކޮންމެ ޤައުމަކަށް ވެސް ބޭނޭނެ އެންމެ މަތީ މިންވަރެއް ވަނީ އައި.އޯ.ޓީ.ސީގެ ޤަރާރަކުން ފާސްކޮށްފައިވާކަން މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރާއްޖެއަށް ލިބިފައިވާ ކޯޓާ

  1. ލޯބޮޑު ކަންނެލި - އަހަރަކަށް2000 (ދެހާސް) ޓަނު
  2. ރީނދޫއުރަހަ ކަންނެލި- އަހަރަކަށް 47000(ސާޅީސް ހަތްހާސް) ޓަނު.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ, ވޭތުވެ ދިޔަ ދެއަހަރު ވެސް ދިވެހިރާއްޖޭގެ އުޅަނދުތަކުން ރީނދޫއުރަހަ ކަންނެލިބާނާފައިވަނީ ގާތްގަނޑަކަށް 30000 (ތިރީސްހާސް) ޓަނު ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ލިބިފައިވާ ކޯޓާ ކުޑަކުރުމަކީ އެކަށީގެންވާކަމަކަށްވާތީ, ކޯޓާގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް ލޭނުމަސްވެރިކަން ދިވެހިރާއްޖޭގައި އަލުން ހުޅުވާލުމަށް ވަޒީރުންގެ މަޖްލީހުން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.

ލޭނުމަސްވެރިކަން ކުރުމާބެހޭ ގަވާއިދެއް ފިޝަރީޒް މިނިސްޓްރީން ވަނީ އެކުލަވައިލައި، މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައެވެ. އަދި މި ގަވާއިދަށް 18 އޮގަސްޓު 2024 ގެ ކުރިން ޚިޔާލު ފާޅުކޮށް، ކޮމެންޓުކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ.

ލޭނު މަސްވެރިކަމަށް މިފަހަރު ހުޅުވައިލާއިރު ފާއިތުވީ ތަނުގައި ދިވެހިރާއްޖޭގައި ލޭނު މަސްވެރިކަން ކުރިއިރު ލިބިފައި ހުރި ތަޖުރިބާއަށް ބަލައި، މި މަސްވެރިކަމަކީ ދިވެހީންނަށް ފައިދާހުރި އަދި ޤާނޫނާއި ގަވާއިދުތަކާ އެއްގޮތައް ކުރެވޭ މަސްވެރިކަމެއްކަން ކަށަވަރުކުރުމުގެ ގޮތުން ހާއްސަ މާއްދާތަކެއް މި ގަވާއިދުގައި ހިމަނާފައިވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.

ލޭނު މަސްވެރިކަމުގައި ހިފޭ މިޔަރު އަދި މަސްވެރިކަމުގައި އަމާޒުނުކުރާ ބާވަތްތައް (ބައިކެޗް) ދުނިޔެ ގަބޫލުކުރާ ބެސްޓް ޕްރެކްޓިސްތަކާއި ހަމަތަކުގެ މަތިން އެއްގަމަށް ގެނެސް، މިޔަރުގެ ބާވަތްތައް ޕްރޮސެސްކުރުމުގެ ހުއްދަ އޮތް ފެސިލިޓީތަކުންޕްރޮސެސްކުރުމުގެ ފުރުޞަތު މި ގަވާއިދުގެ ދަށުން ފަހިވެގެން ދާނެ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އެހެންނަމަވެސް މިއީ ދިވެހިރާއްޖޭގައި މިޔަރު މަސްވެރިކަން ކުރުމަށްހުޅުވާލުން ނޫންކަމަށާއި އަދި ހުޅުވާލުމުގެ ވިސްނުމުގައި ގައި އަޅާ ފިޔަވަޅެއްވެސް ނޫންކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ލޭނުގައި ޖެހި މަރުވެފައިވާ މިޔަރު އެއްގަމަށް ގެނެސް، މިޔަރު ޕްރޮސެސްކުރުމަށް ޚާއްސަ ލައިސަންސެއް ދޫކުރުމަށް މި ގަވާއިދުގައި ހިމަނާފައިވާއިރު, މި ލައިސަންސް ލިބިފައިވާ ފެސިލިޓީއަކަށް މިޔަރު ކިރާ، ޕްރޮސެސްކުރުމަށް މިގަވާއިދުގެ ދަށުން ވަނީ ހުއްދަކޮށްފައެވެ.

ލޭނު މަސްވެރިކަން ކުރުމުގެ ގަވާއިދަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ