ސައުދީ ސުޕަކަޕް:ތާވޮން ބަލިކޮށް އަލް ނަސްރުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި
ހަސަން ޝަމްއޫން
8/14/2024, 9:23:59 PM
ރޮނާލްޑޯ އަލް ތާވޮން އާއި ދެކޮޅަށް ކުޅެނީ..
ސައުދީ ސުޕަކަޕް ސެމީ ފައިނަލުގެ ދެވަނަ،މެޗުގައި އަލް ތާވޮން 2-0 ގެ ނަތީޖާއަކުން ބަލިކޮށް އަލް ނަސްރު އިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މެޗުގެ ވަރަށް ކުރީކޮޅު އަލް ނަސްރުން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދިއިރު، މިލަނޑު ފުރަތަމަ ހާފުގެ އަށްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް އައިމަން ޔަހްޔާއެވެ. މިއީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުންވެސް މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެފެންނެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، އަލް ނަސްރުން މެޗުގެ ލީޑު ފުޅާކުރި ލަނޑު ފަހުހާފުގެ 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ އެޓީމުގެ ޑިފެންޑަރ ސުލްތާން އަލް ޣަންނާމް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެނާ ކާމިޔާބުކުރި ލަނޑެކެވެ. އަދި މިއީ ރޮނާލްޑޯގެ ފުޓްބޯޅަ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 896 ވަނަ ލަނޑެވެ.
މީގެ އިތުރުންވެސް މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުކުރެވިފައި ނުވާއިރު، މެޗުގެ އިތުރު ވަގުތުގެތެރޭގައި އަލް ނަސްރުގެ ކްރޮއޭޝިއާ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗް އަލް ތާވޮންގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ އެނާއަށް ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.
މިއާއެކު އަލް ނަސްރުން މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކުގައެވެ. އަދި މި ރަތް ކާޑުގެ ސަބަބުން، މިމަހުގެ 17 ވަނަ ދުވަހުގެ ރޭ އެންމެ ފަހުގެ ޗެންޕިއަން އަލް ހިލާލް އާއި ދެކޮޅަށް އަލް ނަސްރުން ކުޅޭ ސުޕަކަޕް ފައިނަލް މެޗުގައި ބްރޮޒޮވިޗްއަށް ނުކުޅެވޭނެއެވެ.