ސައުދީ ސުޕަކަޕް: ޕެނަލްޓީގައި އަލް އަހްލީ ބަލިކޮށް ފައިނަލްގެ ފުރަތަމަ ޖާގަ އަލް ހިލާލުން ހޯދައިފި
ހަސަން ޝަމްއޫން
8/13/2024, 11:45:53 PM
އަކް ހިލާލް އާއި އަލް އަހްލީ ވާދަކުރި މެޗުގެ ތެރެއިން
ސައުދީ ސުޕަކަޕް ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އަންގާރަ ދުވަހުގެ ރޭ އަލް ހިލާލް އާއި އަލް އަހްލީ ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 5-2 ގެ ނަތީޖާއަކުން މޮޅުވެ އަލް ހިލާލުން މުބާރާތުގެ ފައިނަލް ޖާގަހޯދައިފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އަލް އަހްލީ އިންނެވެ. މިލަނޑު ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބްރެޒިލްފެ ފޯވާޑް ރޮބާޓޯ ފަރމީނޯ އެވެ. މީއީ އެޓީމުގެ އަލްޖީރިއާ ފޯވާޑް ރިޔާޒް މަހަރޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އަލް ހިލާލް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސާބިއާ ފޯވާޑް އެލެގްޒަންޑާ މިޓްރޮވިޗް އެވެ. މިއީ އެޓީމުގެ ކެޕްޓަން ސަލީމް ދައުސަރީ ގޯލު ކުރިމަށްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. މިއާއެކު މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި އަލް ހިލާލުން ޖެހި ހަތަރު ޕެނަލްޓީ އެޓީމުން ކާމިޔާބުކުރިއިރު، އަލް އަހްލީގެ ހަތަރު ޕެނަލްޓީގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނީ އެންމެ ޕެނަލްޓީއެކެވެ.
މުބާރާތުގެ ސެމީފައިނަލުގެ ދެވަނަ މެޗުގައި މިރޭ ރާއްޖެ ގަޑިން 21:15 ގައި އަލް ނަސްރު ނުކުންނާނީ އަލް ތާވޮން އާއި ދެކޮޅަށެވެ.