
--
ވެނެޒުއެލާގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް 10 ދުވަހަށް މަނާކުރަން ނިންމައިފި އެވެ.

މި ނިންމުން ނިންމެވީ އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯއެވެ. އެގޮތުން މަޑޫރޯ ވަނީ މިއަމުރު ތަންފީޒުކުރުމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް މިހާރު އަންގަވާފައި އެވެ.
އެކްސްގެ ވެރިޔާ އީލޮން މަސްކް "ނަފްރަތާއި ފާސިޒަމަށް ހިތްވަރުދޭ" ކަމަށް ތުހުމަތު ކުރައްވައި މަޑޫރޯ ބުރާސްފަތި ދުވަހު ވިދާޅުވީ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރު ކޮނަޓެލް އިން ހުށަހެޅި ގަރާރުގައި ސޮއިކުރައްވައި، ކުރިން ޓްވިޓާގެ ނަމުން މަޝްހޫރުވެފައިވާ ސޯޝަލް ނެޓްވޯކް އެކްސް 10 ދުވަހަށް މަނާކުރަން ނިންމާފައިވާ ކަމަށެވެ.
ސަރުކާރަށް ތާއީދުކުރާ ޖަމާއަތްތަކުން ބޭއްވި ހިނގާލުމަކަށް ފަހު މަޑޫރޯ ވިދާޅުވީ އެކްސްގެ ވެރިޔާ އެލޮން މަސްކް ވަނީ ސޯޝަލް ނެޓްވޯކްގެ ހުރިހާ އުސޫލަކާ ވެސް ހިލާފުވެފައިވާ ކަމަށެވެ. "އެކްސް 10 ދުވަހަށް ވެނެޒުއޭލާއިން ބޭރުވޭ!" ދައުލަތުގެ ޓީވީން ގެނެސްދިން ތަގުރީރުގައި އޭނާ ވިދާޅުވި އެވެ.
ޖުލައި މަހުގެ 28 ވަނަ ދުވަހު ބޭއްވި އިންތިޚާބު51.2 އިންސައްތަ ވޯޓާއެކު މަޑޫރޯ ކާމިޔާބު ކުރެއްވި ކަމަށް އިލެކްޝަންސް އޮތޯރިޓީން ކަނޑައެޅި ނަމަވެސް ތަފްސީލީ ނަތީޖާއެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި ޚިޔާލު ހޯދުމުގެ ޕޯލްތަކުގައި ކުރީގައި ހުންނެވި އިދިކޮޅު ކެންޑިޑޭޓް އެޑްމަންޑޯ ގޮންޒާލޭޒް އުރުޓިއާއަށް ލިބިފައިވަނީ 44.2 އިންސައްތަ އެވެ.
ނަތީޖާއާއިއެކު މަކަރާއި ހީލަތުގެ ބޮޑެތި ތުހުމަތުތަކެއް ސޯޝަލް މީޑިއާގައި ވެސް ވަނީ ފެތުރިފަ އެވެ. ވެނެޒުއެލާގެ ރައްޔިތުން ވަނީ މަދޫރޯ މަގާމުން އިސްތިއުފާ ދެއްވައި ގޮންޒާލޭޒް ހޯދި ކާމިޔާބީއަށް އިހުތިރާމް ކުރުމަށް ގޮވާލައި މުޅި ގައުމުގައި މުޒާހަރާތައް ފަށައިފަ އެވެ.
ބްރެޒިލް، ކޮލަމްބިއާ އަދި މެކްސިކޯގެ ހާރިޖީ ވަޒީރުން ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ނޭޝަނަލް އިލެކްޓޯރަލް ކައުންސިލް (ސީއެންއީ) އިން ވޯޓް ޓެލިތައް އާންމު ކުރުމަށް ގޮވާލާފަ އެވެ.








