ގޮއިދޫގެ ފެނާއި ނަރުދަމާ މަޝްރޫއުގެ 88 އިންސައްތަ މަސައްކަތް ނިމިއްޖެ
އަހުމަދު ޝުރާއު
8/6/2024, 1:48:42 PM
--
ބ ގޮއިދޫގެ ފެނާއި ނަރުދަމާ މަޝްރޫއު ބާރު ސްޕީޑުގައި ކުރިޔަށްދާކަމަށް އެމަޝްރޫއުގެ ކޮންޓްރެކްޓަރު އެމްޑަބްލިއުއެސްސީއިން ބުނެފި އެވެ.
އެމްޑަބްލިއުއެސްސީއިން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށްފައެވެ. އެގޮތުން އެކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ޕަމްޕް ސްޓޭޝަންގެ މަސައްކަތް ކަމަށެވެ.
އަދި މުޅި މަޝްރޫއުގެ 88 އިންސައްތަ މަސައްކަތް ފުރިހަމަވެފައިވާ ކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން ގޮއިދޫގައި 12.07 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމްކުރުމުގެ މަސައްކަތްތާއި ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުމުގެ މަސައްކަތް ވަނީ ނިމިފަ އެވެ. މި މަޝްރޫޢުގެ ދަށުން ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުނެ އެވެ.
މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ގޮއިދޫގައި 7.29 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމުކުރުމުގެ މަސައްކަތާއި، 1.48 ކިލޯމީޓަރުގެ ޕަންޕިން ލައިން އެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުނެ އެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން 4 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ގާއިމްކުރުން ހިމެނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މި ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެ އެވެ. މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.