
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާއަށް ގޮވާލާ އެގައުމުގެ މަގުތަކަށް ގިނަ ބަޔަކު ނުކުމެ އިއްޔެ ކުރަން ފެށި އައު މުޒާހަރާތަކާއި އެކު އެގައުމުގެ މުވާސަލާތީ ހިދުމަތްތައް ކަނޑާލައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެގައުމުގެ މުވާސަލާތީ ހުރިހާ ހިދުމަތް އެގައުމުގެ ސަރުކާރުން ކަނޑާލީ އެގައުމުގެ ގަޑިން މިއަދު ފަތިހުގެ ވަގުތެއްގައި އެވެ.
އެގޮތުން މުވާސަލާތީ ހިދުމަތްތައް މެދުކަނޑާލުމާއި އެކު އެގައުމުގެ ހަބަރުތައް ގެނެސްދިނުމުގައިވެސް ވަނީ ދަތިތަކަކާއި ކުރިމަތިވެފައި އެވެ. ސަބަބަކީ އެގައުމުގެ ހުރިހާ ނޫސް ވެބްސައިޓުތަކެއްވެސް ޑައުން ވެފައި ވުމެވެ.
ސަރުކާރުގެ އޯޑަރަށް ފުލުހުން އިއްޔެ މުޒާހަރާގެ ބައިވެރިންނާއި ކުރިމަތިލުންތައް ހިނގާފައިވާއިރު ރޭގެ ނިޔަލަށް މަރުވި މީހުންގެ އަދަދު 97 އަށް އަރާފައި އެވެ. އޭގެ ތެރޭގައި 14 ފުލުހުންވެސް ހިމެނެއެވެ.
މިއަދަކީ އެގައުމުގެ އެކި ސަރަހައްދުތަކުގައި މުޒާހަރާކުރަމުން އައި ބައިވެރިން ވެރިރަށް ޑާކާއަށް އެރުމަށް ނިންމާފައިވާ ދުވަހެވެ. ބެލެވޭ ގޮތުގައި މުވާސަލާތީ ހިދުމަތްތައް ކަނޑާލާފައިވަނީ މި ސަބަބާއި ހެދި އެވެ.
އެގައުމުގެ މަޝްރަހު ފުރަތަމަ ހޫނުވީ މިދިޔަ މަހު އެގައުމުގެ ދަރިވަރުން ސަރުކާރުން ކަނޑައަޅާފައިވާ ކޯޓާ ނިޒާމަކާއި ދެކޮޅަށް ފެށި މުޒާހަރާތަކާއި އެކުގައި އެވެ. އެމުޒާހަރާތައް ހޫނުވެ 200 އަށްވުރެ ގިނަ މީހުން މަރުވި އިރު މިއީ އެގައުމުގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ފުރިހަމަ ބައިވެރިވުމާއި އެކު ކުރިޔަށް ދިޔަ ގަތުލުއާންމުއެއް ކަމަށް އެގައުމުގެ ގިނަ ރައްޔިތުން ބުނެއެވެ.
އައު މުޒާހަރާތައް ފެށިފައިމިވަނީ އެކަމުގެ ޒިންމާ ހަސީނާ ނަގައި އިސްތިއުފާ ދިނުމަށް ގޮވާލާއެވެ.
ގުޅުންހުރި

ހަސީނާގެ ވެރިކަން ވައްޓާލި ދަރިވަރުން, ސިޔާސީ ޕާޓީއެއް އުފައްދައިފި

ބޮޑުވަޒީރު ކަމުން ދުރުކުރި ހަސީނާގެ ވިސާގެ މުއްދަތު އިންޑިއާއިން އިތުރުކޮށްފި

ބަންގްލަދޭޝް އާއި ޖަޕާނުން މަތީ ތަޢުލީމު ހާޞިލުކުރުމުގެ ފުރުޞަތު!
