މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފުވައްމުލައް ސިޓީގެ ސްކޫލު ދަރިވަރުންނަށް މައުލޫމާތުދީފި
އަލްފާ އަލީ
8/5/2024, 6:00:34 AM
-
ފުވައްމުލައް ސިޓީގައި މިހާރު ކުރިއަށްގެންދާ ރައްކާ ރޯޑް ޝޯވ 2024ގެ ތެރެއިން، އެ ސިޓީގެ ސްކޫލު ދަރިވަރުންނަށް މައުލޫމާތުދީފިއެވެ.
މި ސެޝަނުގައި މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި އެއްގަމު އުޅަނދުގައި ދަތުރުކުރާއިރު ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަން އެ ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ކިޔައިދީފައިވެެއެވެ. އަދި މަގުމަތީގައި ބޭނުންކުރާ އެކި ނިޝާންތަކާއި އެ ނިޝާންތަކުގެ ބޭނުމާއި އެހެނިހެން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުުރުން، މަގު ހުރަސްކުރާއިރު ސަމާލުކަން ދޭންޖެހޭ ކަންކަން ބުނެދީ މަގުމަތީގެ ގަވާއިދުތަކާއި ދަރިވަރުން މަގުމަތީގައި އުޅޭއިރު ސަމާލުކަންދޭންވީ ކަންކަމާއި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މަގުމަތީގެ އަދަބުތަކާއި ރިވެތިބަހުން މުއާމަލާތުކުރުމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ސެޝަނުގައި ފުވައްމުލަކު ސްކޫލުގެ ގްރޭޑް 1 އިން 5އަށް ތައުލީމު ހާސިލު ކުރަމުންދާ 95 ދަރިވަރުންނާއި ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 7 އިން 10އަށް ތައުލީމު ހާސިލު ކުރަމުންދާ 291 ދަރިވަރުން ބައިވެރިވިއެވެ. މި ސެޝަނުގައި މައުލޫމާތު ދެއްވީ ރޯޑު ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުގެ މުވައްޒަފުންނެވެ.
މިމަހުގެ 3 އިން 18އަށް ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދާ ރައްކާ ރޯޑް ޝޯވ 2024ގައި، ސްކޫލް ޓްރެފިކް މޮނީޓާސް ޕްރޮގްރާމް، ސްކޫލު ދަރިވަރުންނާއި ބެލެނިވެރިންނާއި ސަރުކާރު މުއައްސަސާތަކުގެ އިތުރުން ކުންފުނިތަކާއި ޖަމުއިއްޔާތަކަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމް، ފަހިރާސްތާ، ރޯޑް ސޭފްޓީ ހިނގާލުމާއި ރަށުގެ އެކި މަގުތަކުގައި ބިލްބޯޑު ހަރުކުރުމުގެ އިތުރުން ވޮލީބޯޅަ މުބާރާތާއި ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
ރައްކާ ރޯޑް ޝޯވއަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމު ހޭލުންތެރިކަން އިތުރުކޮށް މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން 2014ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.