ހަނިއްޔާގެ ޖަނާޒާ ގަތަރުގެ ދޯހާގައި ބާއްވައިފި
އަހުމަދު ޝުރާއު
8/2/2024, 10:51:13 AM
--
މިދިޔަ ބުދަ ދުވަހު އީރާނުގައި އިޒްރޭލުން ދިން ހަމަލާއެއްގައި އަވަހާރަކޮށްލި ހަމާސްގެ ސިޔާސީ ވެރިޔާ އިސްމާއިލް ހަނިއްޔާގެ މައްޗަށް ކަށުނަމާދު ކުރުން ގަތަރުގެ އިމާމް އަބްދުލް ވައްހާބު މިސްކިތުގައި ބާއްވައިފި އެވެ.
އީރާނުގެ ވެރިރަށް ތެހެރާނުގައި ބޭއްވި ކަށުނަމާދުގެ ހިނގާލުންތަކަށްފަހު ހަނިއްޔާގެ ހަށިކޮޅު ދޯހާއަށް ގޮސްފައިވަނީ އިއްޔެެގެ ވަގުތެއްގައި އެވެ.
ދޯހާގައި ކުރިޔަށްގެންދިޔަ ޖަނާޒާގައި ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީ އާއި ބައްޕާފުޅު އަމީރު ޝައިޚް ހަމަދު ބިން ޚަލީފާ އަލްޘާނީގެ އިތުރުން ގަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލްޘާނީ ބައިވެރިވެވަޑައިގެންނެވިއެވެ.
ގަތަރުގެ އެހެން އޮފިޝަލުންގެ ތެރޭގައި ގަތަރުގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޚާލިދު ބިން މުހައްމަދު އަލް އައްތިޔާ އާއި ޝޫރާ ކައުންސިލްގެ ރައީސް ހަސަން ބިން އަބްދުالله އަލް ޣަނީމް އަދި ފޮރިން މިނިސްޓްރީގެ ޕްރޮޓޮކޯލް ޑިޕާޓްމަންޓްގެ ޑިރެކްޓަރު އިބްރާހިމް ޔޫސުފް އަބްދުالله ފަޚްރޯ ހިމެނިވަޑައިގަންނަވަ އެވެ.
ޖަނާޒާގައި ގިނަ ގައުމުތަކުގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އިރު، އޭގެ ތެރޭގައި ތުރުކީގެ ނައިބު ރައީސް ސެވްޑެޓް ޔިލްމާޒް އާއި އުރުދުންއިން ގަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒައިދު މުފްލޭހް އަލް ލޯޒީ އާއި ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނޫމާން ކުރުތުލްމުސް އަދި ތުރުކީގެ ނޭޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރު އިބްރާހިމް ކާލިން ހިމެނިވަޑައިގަންނަވަ އެވެ.
ހަމާސްގެ އޮފިޝަލުން ވެސް ވަނީ އަވަހާރަކޮށްލާފައިވާ މެމްބަރު ކަމަށް އަލްވަދާއު ކިޔަން ބައިވެރިވެފަ އެވެ. އެ ލިސްޓުގައި ކުރީގެ ވެރިޔާ ޚާލިދު މަޝާލްގެ އިތުރުން ފަލަސްތީނުގެ ޖަމާއަތުގެ އިސް ބޭފުޅުން ކަމަށްވާ މޫސާ އަބޫ މަރުޒޫގާއި ޚަލީލް އަލް ހަޔާ ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ހަނިއްޔާގެ ހަށިކޮޅު ލުސައިލްގެ ފައުންޑަރ އިމާމް ގަބުރުސްތާނުގައި ފަސްދާނުލުމަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މެންދުރުފަހުގެ ވަގުތެއްގައެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނީ ހަނިއްޔާ އާއި އޭނާގެ ބޮޑީގާޑު އަވަހާރަކޮށްލާފައިވަނީ ތެހެރާނުގައި ހުންނަ އެ މީހުންގެ އެކޮމޮޑޭޝަންގައި ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ދިން ބޮމުގެ ހަމަލާއެއްގައި ކަމަށެވެ.
ހަނިއްޔާ އީރާނަށް ވަޑައިގެންނެވީ އަންގާރަ ދުވަހު ރައީސް މަސްއޫދު ޕެޒެޝްކިއަން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
އޭނާ އަވަހާރަކޮށްލާފައި މިވަނީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އުއްމީދުގައި ގަތަރާއި މިސްރުގެ އިސްވެ އޮވެ ހަމާސް އާއި އިސްރާއީލާ ދެމެދު ނުސީދާ ކޮށް މަޝްވަރާކުރަމުންދާ ދަނޑިވަޅެއްގައެވެ.