
ގެދޮރު ގެއްލިފައިވާ އެތައްބަޔަކު ތިބި ސްކޫލަކަށް ޔަހޫދީން ހަމަލާދީ 15 މީހުން ޝަހީދުކޮށްލައިފި
# ޣައްޒާޔަހޫދީންގެ ހަމަލާތަކުގައި ގެދޮރު ގެއްލިފައިވާ އެތައްބަޔަކު ތިބި ސްކޫލަކަށް މިއަދު ޔަހޫދީން ބޮން އަޅައި ގިނަ ބަޔަކު ޝަހީދުކޮށްލައިފި އެވެ.

ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓްކުރާ ގޮތުގައި ގެދޮރު ގެއްލިފައިވާ އާއިލާތަކުން ހިމާޔަތް ހޯދަމުން ދިޔަ ޣައްޒާ ސިޓީގެ ޝުޖާޔޭ އަވަށުގެ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި 15 މީހުން ޝަހީދުވެ އެތައް ބަޔަކު ވަނީ ޒަހަމްވެފައި އެވެ. އެގޮތުން މިވަގުތާއި ހަމައަށް 40 މީހަކު ޒަހަމްވެފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ. އަދިވެސް އެތައް ބަޔަކު ތިބީ ކުނިތަކުގެ ދަށުގައި ތާށިވެފަ އެވެ.
އެ ގައުމުގެ މަސްދަރުތަކާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައި ވަނީ ދަލާލް މުޣުރާބީ ސްކޫލަށް ތިން މިސައިލް ވައްޓާލާފައިވާ ކަމަށެވެ.
ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް ވަނީ އަލްއަހްލީ އަރަބް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އިޒްރޭލު ސިފައިން ދަނީ މުޅި ހަނގުރާމައިގެ ތެރޭގައި ގެދޮރު ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ފޯރުކޮށްދޭ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދެމުންނެވެ.
އެގޮތުން އެތައް ހާސް ބަޔަކު ހިޔާވަހިކަން ހޯދަމުން ދިޔަ ނުސީރަތު ރެފިއުޖީ ކޭމްޕްގައި ހުންނަ އދ.ގެ ސްކޫލެއް ވެސް މިދިޔަ ޖުލައި މަހު ހަމަލާދީ 25 މީހުން ޝަހީދުކޮށްލާފައި އެވެ.
ގުޅުންހުރި

ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 63،000 އިން މައްޗަށް!

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހައިހޫނުކަމުގައި ޣައްޒާއިން 11 މަރު!

ޔަހޫދީން ހަމަލާތައް ހުއްޓާނުލައިފި ނަމަ އިނގިރޭސިވިލާތުން ފަލަސްތީނު ދައުލަތް ރަސްމީކޮށް ބަލައިގަންނާނެކަން ހާމަކޮށްފި
