ހިރިމަރަދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމުމަކާއި ގާތަށް!
އަހުމަދު ޝުރާއު
7/30/2024, 8:55:44 AM
--
ހދ ހިރިމަރަދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމުމަކާއި ގާތް ވެފައިވާކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރު އެމްޑަބްލިއުއެސްސީއިން މިއަދު ބުނެފި އެވެ.
އެމްޑަބްލިއުއެއްސީއިން މިއަދު ވަނީ މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން އެކުންފުނިން ބުނީ ހިރިމަރަދޫ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ޖުމްލަ މަޝްރޫޢުގެ 95 އިންސައްތަ އަށް ވުރެ ގިނަ މަސައްކަތް ވަނީ ނިމިފައި ކަމަށެވެ.
އަދި މިހާރު އެމަޝްރޫއުގެ ދަށުން ކުރިޔަށް ދަނީ ސީ އައުޓްފޯލްގެ މަސައްކަތް ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
މިމަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ހިރިމަރަދޫގައި 8.06 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނެއެވެ. އަދި މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެން ދާނެއެވެ.
މިމަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ހިރިމަރަދޫގައި 5.02 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައިނެޓްވޯރކް ޤާއިމްކުރުމާއި، 1.12 ކިލޯ މީޓަރގެ ޕަންޕިން ލައިން އެޅުމާއި 3 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ.މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިއު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ އަގަކީ 69.14 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ހިރިމަރަދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ.