
ކުޑަހުވަދޫ ބީޗް ހެންޑްބޯޅަ މުބާރާތައް ބޮޑު ތަރުހީބެއް، ކުޅުދުއްފުށީގެ ޓީމެއްވެސް މުބާރާތުން ފެނިގެންދާނެ
# ހޭންޑްބޯލް މޯލްޑިވްސް# ކުޑަހުވަދޫ ސްޕޯޓްސް ކުލަބު# ބީޗު ހޭންޑްބޯޅަ ޓޯނަމެންޓްކުޑަހުވަދޫގައި ބޭއްވުނު ފުރަތަމަ ހޭންޑްބޯޅަ މުބާރާތުގެ ތެރެއިން.. ފޮޓޯ:ކުޑަހުވަދޫ ސްޕޯޓްސް ކުލަބް
ކުޑަހުވަދޫ ސްޕޯޓްސް ކުލަބާއި ހޭންޑްބޯޅަ މޯލްޑިވްސް ގުޅިގެން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ދ.ކުޑަހުވަދޫގައި ބާއްވާ ދެވަނަ ބީޗު ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު، ނުވަ ޓީމަކުން ވަނީ މުބާރާތުގައި ބައިވެރިވެފައެވެ.

ކުޑަހުވަދޫ ސްޕޯޓްސް ކުލަބުގެ އޮފިޝަލަކު ގާފު ސްޕޯޓްސްއަށް މައުލޫމާތު ދިންގޮތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވިއިރު، ނުވަ ޓީމަކުން ފޯމު ހުށަހަޅާފައިވަނީ، އޭގެތެރޭގައި ހިމެނެނީ ފިރިހެން ފަސް ޓީމައި އަންހެން ހަތަރު ޓީމެވެ. އަދި ވަކިން ޚާއްސަކޮށް ފާހަގަކޮށްލަންޖެހޭ ކުޅުދުއްފުށީ ސިޓީގެ ޓީމެއް މުބާރާތުގައި ބައިވެރިވެގައިވާކަން..
އިތުރަށް ވާހަކަދައްކަމުން ކުޑަހުވަދޫ ސްޕޯޓްސް ކުލަބުގެ އޮފިޝަލް ބުނީ އެކުލަބުގެ ފަރާތުން މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ ކުޑަހުވަދޫގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހް ދިރުވައި އާލާކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމައްޓަކައި ކުޅިވަރުގެ ތެރެއިން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމާއިއެކު ވާދަވެރި މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައެވެ.
މީގެ އިތުރުން ހޭންޑްބޯޅަ އަކީ މިވަގުތު ރާއްޖޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް ކުޅިވަރަށްވުމުގެ އިތުރުން ބީޗު ހޭންޑްބޯޅަ އަކީ ވެސް ފުޅާ ދާއިރާއެއްގައި ކުރިއެރުވިދާނެ ކުޅިވަރަކަށްވާތީވެ، މިކުޅިވަރު ޕްރޮމޯޓްކޮށް ކުރިއެރުވުމުގެ މަގުސަދުގައެވެ.
01 އޮގަސްޓް 2024 އިން 03 އޮގަސްޓް 2024 އަށް ކުޑަހުވަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެޑިވިޝަނަކަށް ބަހާލައިގެންނެވެ. އެގޮތުން ފިރިހެން ޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިޑިވިޝަނުގައި ބައިވެރިވި ފަސް ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، ލީގު ބުރުގެ އެއްވަނަ ހޯދާ ޓީމު ފައިނަލަށް ހޮވޭގޮތަށެވެ. އަދި ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނީ ލީގު ބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލް މެޗެއް ކުޅެ އެމެޗުން މޮޅުވާ ޓީމަކަށެވެ.
މީގެ އިތުރުން އަންހެން ޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިޑިވިޝަނުގައި ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ، އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.
ގުޅުންހުރި

ފަހަތުން އަރައި ހޮންކޮންގް އަތުން ރާއްޖެއަށް ތާރީޚީ މޮޅެއް
ކޭއެސްސީގެ 3 ވަނަ ބީޗް ހޭންޑް ބޯލް މުބާރާތް ޖުލައި މަހުގައި

ވާދަވެރި ކުޅުމަށްފަހު ރާއްޖެ އަތުން މޮޅުވެ އީރާން ސެމީފައިނަލުން ޖާގަ ހޯދައިފި
