ލިލްގެ ޒުވާން ޑިފެންޑަރު ޔޯރޯ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފި
ހަސަން ޝަމްއޫން
7/18/2024, 10:57:59 PM
ލެނީ ޔޯރޯ (ކ) ޔުނައިޓެޑްގެ ކޯޗު އެރިކް ޓެންހާގް އާއެކު
ފުރާންސްގެ ލިލްއަށް ކުޅެމުންއަންނަ އެގައުމުގެ ޒުވާން ޑިފެންޑަރު ލެނީ ޔޯރޯ ޕްރެމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑުން ސޮއިކޮށްފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 18 އަހަރުގެ ޑިފެންޑަރު މެންޗެސްޓާ ޔުނައިޓެޑާއި ގުޅިފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި މިއެއްބަސްވުން 2029 އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، މިއެއްބަސްވުމުގައި ވާގޮތުން އިތުރު އެއް އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.
އުމުރުން 16 އަހަރުން ފެށިގެން ލިލްއަށް ކުޅެމުން އަންނަ ޔޯރޯ ވަނީ، 2022 ވަނަ އަހަރުން ފެށިގެން މިދިޔަ ސީޒަނުގެ ނިޔަލަށް އެޓީމަށް 42 މެޗު ކުޅެ ދެލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މިދިޔަ ސީޒަނުގައި ލިލް އިން ލީގުގެ ހަތަރުވަނަ ހޯދުމުގައި ޔޯރޯ މުހިންމު ދައުރެއް އަދާކޮށްފައިވާއިރު، ލީގުގައި އެޓީމުން ކުޅުނު 34 މެޗުގެ ތެރެއިން 32 މެޗުގައި އެޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ.
މީގެ އިތުރުން ޔުނައިޓެޑުން ޔޯރޯގެ ސޮއި ހޯދާފައި ވަނީ ޔޫރަޕްގެ ބޮޑެތި ޓީމުތަކުން އޭނާގެ ސޮއި ހޯދުމަށް މަސައްކަތްކޮށްފައެވެ. އެގެތެރޭގައި ޔޫރަޕްގެ ޗެންޕިއަން ރެއާލް މެޑްރިޑް ވެސް ހިމެނެއެވެ.
ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓީމު އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ޔުނައިޓެޑުން ވަނީ ނެދަލެންޑްސްގެ ފޯވާޑު ޖޯޝުއާ ޒިރްކްޒީގެ ސޮއި ހޯދާފައެވެ. އުމުރުން 23 އަހަރުގެ ޖޯޝުއާ އަކީ މިފަހަރުގެ ޓްރާންސްފާ މާކެޓްގައި ޔުނައިޓެޑުން ގެނައި ފުރަތަމަ ކުޅުންތެރިޔާއެވެ.
މީގެ އިތުރުން އެވަޓަންއަށް ކުޅެމުން އަންނަ ޖެރާޑް ބްރެންތްވައިޓް ހޯދުމަށް ދެ ފަހަރެއްގެ މަތިން މެންޗެސްޓާ ޔުނައިޓެޑުން ހުށައެޅި ނަމަވެސް އެވަޓަން އިން މި ދެ ފަހަރުވެސް އެ ހުށައެޅުން ބަލައިގަނެފައެއް ނުވެއެވެ. މީގެ އިތުރުން ޖަރުމަނުގެ ބަޔާން މިއުނިކް އަށް ކުޅެމުން އަންނަ މެތިއަސް ޑިލައިޓް ހޯދުމަށް ވެސް މެންޗެސްޓާ ޔުނައިޓެޑުން އަންނަނީ ބަޔާން މިއުނިކްއާ އެކު މަޝްވަރާ ކުރަމުންނެވެ.