
--
ތިލަމާލެ ބްރިޖުގެ މަސައްކަތުގެ 40 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތައާމު މުހައްމަދު ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ބްރިޖުގެ ނިމިފައި އޮތީ 29 ޕަސެންޓް ކަމަށެވެ. ނަމަވެސް މިހާރު ބްރިޖުގެ 40.47 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ބްރިޖްގެ އެއް ތަނބު އަނެއް ތަނބާ ގުޅުވައިލަނީ ޕްރީ-ކާސްޓް ސެގްމަންޓްތަކަކުން ކަމަށް ވާއިރު، އޭގެ ފުރަތަމަ ސެގްމެންޓް ވިލިމާލެއާ ދިމާލުން ގުޅުވާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
މި މަޝްރޫއުގެ ޓައިމްލައިންގައިވާ ގޮތުން މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވަނީ 31 މަރޗް 2026އަށެވެ. ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖްގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ 30 ސެޕްޓެމްބަރު 2026އަށެވެ. މިއާއެކު މުޅި މަޝްރޫޢު ނިމޭނެކަމަށް ޓައިމްލައިންގައި ހިމަނާފައިވަނީ 30 ސެޕްޓެމްބަރު 2026އަށް ކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ހަތަރު ސަރަޙައްދެއް ގުޅުވާލާ، 6.7 ކިލޯމީޓަރުގެ މިބްރިޖު ތަރައްޤީކުރުމަށް 7 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހޭދަކުރެއެވެ. މި މަސައްކަތް ކުރިޔަށް ގެންދިޔުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އެވެ. މި މަޝްރޫއުއަށް އިންޑިއާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ގްރާންޓަކާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ދޭން ނިންމާފައިވާއިރު ބާކީ ބައި ހަރަދުކުރަންޖެހެނީ ދިވެހި ސަރުކާރުންނެވެ.







