logoEN
Sto top
ތިލަމާލެ ބްރިޖުގެ 38 ޕަސެންޓު ނިމިއްޖެ, އަންނަ އަހަރުގެ ނިޔަލަށް ވިލިމާލެއާއި ހަމައަށް ނިންމާލެވޭނެ!

ތިލަމާލެ ބްރިޖުގެ 38 ޕަސެންޓު ނިމިއްޖެ, އަންނަ އަހަރުގެ ނިޔަލަށް ވިލިމާލެއާއި ހަމައަށް ނިންމާލެވޭނެ!

އަހުމަދު ޝުރާއު

logo

5/30/2024, 12:30:18 PM

# ތިލަމާލެ ބްރިޖް

ތިލަމާލެ ބްރިޖުގެ މަސައްކަތް

ގްރޭޓަރ މާލެ ކަނެކްޓިވިޓީ - މާލެ ތިލަފުށި ލިންކް, ތިލަމާލެ ބްރިޖު މަޝްރޫއުގެ 38 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓްރީއިން ހާމަކޮށްފި އެވެ.

Wamco

މިއަދު އެ މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވީ ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން ޖެހުމަށް ހަމަޖެހިފައިވާ ތަނބުތައް ޖެހުމުގެ 65 އިންސައްތަ މަސައްކަތް ނިމުމުގެ އިތުރުން ޕައިލް ކެޕްގެ 46 އިންސައްތަ މަސައްކަތާއި ޕިއަރ ކޮލަމްންސްގެ 48 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން މަޝްރޫޢުގެ ޑެކްއަށް ބޭނުންވާ ޕްރީކާސްޓް ސެގްމަންޓްސްގެ 31 އިންސައްތަ ކާސްޓްކޮށް ނިމިފައިވާކަންވެސް މިނިސްޓަރ ހާމަކުރެއްވި އެވެ.

މިއާއި އެކު މުޅި ޖުމުލަ މަޝްރޫއުގެ 38.8 އިންސައްތަ މަސައްކަތް ނިމި ވިލިމާލެ އާއި މާލެ އަންނަ އަހަރުގެ ނިޔަލަށް ގުޅުވާލެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ހާތަނަށް ވިލިމާލޭގައި ވިހި ސެގްމަންޓްވަނީ ލޯންޗް ކުރެފައިވާ ކަމަށާއި ވިލިމާލެ އާއި ހަމައަށް ބްރިޖު ނިންމާލެވޭނެ ކަމަށް މިހާރު ބެލެވެނީ އަންނަ އަހަރުގެ ޑިސެމްބަރު 31 އަށް ކަމަށެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ކޮންޓްރެކްޓަރަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ދިމާވާކަން ފާހަގަ ކުރައްވި ނަމަވެސް މުއްތަލިބް ވިދާޅުވީ އެކަމުގެ ސަބަބުން ޕްރޮޖެކްޓު ނިންމުމަށް މާބޮޑެތި ލަސްތަކެއް ނާންނާނެ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ މި މަޝްރޫޢުގެ މަސައްކަތް މިހާރު ނިންމަން ހަމަޖެހިފައިވަނީ މާލެއިން ގުޅިފަޅަށް 31 މާރިޗު 2026 އަދި ގުޅީފަޅުން ތިލަފުއްޓަށް 30 ސެޕްޓެމްބަރ 2026 އަށް ކަމަށެވެ. އެގޮތުން މުޅި ބްރިޖުގެ މަސައްކަތް ނިމި އެއްކޮށް ހުޅުވާލެވޭނެ ކަމަށް ބެލެވެނީ 2026 ވަނަ އަހަރުގެ އޮކްޓޯބަރަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުރީގެ ރައީސް ސޯލިހު ސަރުކާރުން ފެށި އެސަރުކާރުގެ އެންމެ ބޮޑު އެއްމަޝްރޫއުއަކަށް ތިލަމާލެ ބްރިޖު މަޝްރޫއު ވެގެންދިޔައިރު ވެރިކަން ނިމުނު އިރުވެސް މަޝްރޫއު ހިނގަމުންދިޔައީ މަޑު ދުވެލީގައި އެވެ. އިންޑިއާގެ އެފްކޮންސްއާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫއުއަށް އަންނަ މި އަހަރުގެ ބަޖެޓުގައި 827 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ މި މަޝްރޫއު އަވަހަށް ނިންމުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC