
ލާމު އަތޮޅުގެ ތިން ރަށެއްގައި ރިސޯޓު ތަރައްޤީކުރުމަށް ދުބާއީ ކުންފުންޏަކަަށް!
# އިބްރާހިމް ފައިސަލް# ލާމު އަތޮޅު--
ލާމު އަތޮޅުގެ ތިން ރަށެއްގައި ރިސޯޓު ހެދުމަށް ދުބާއީ ކުންފުންޏަކާއި ހަވާލުކޮށްފި އެވެ.

މިކަން ހާމަކުރެއްވީ މިރޭ ވެރިކަން ކުރާ ޕީއެންސީއިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް އެވެ. އެގޮތުން ފައިސަލް ވިދާޅުވީ ދާދި ފަހުން ކްލޯސް ބިޑިންގ ގެ ދަށުން ރިސޯޓު ހެދުމަށް ބީލަަމަށް ހުޅުވާލި ރަށްތަކުގެ ތެރެއިން ލާމު އަތޮޅުގެ ތިން ރަށަކަށް ޕްރޮޕޯޒަލް ލިބުނު ކަމަށެވެ.
އެގޮތުން ޕްރޮޕޯސަލްތައް އެވެލުއޭޓްކޮށް ރައީސް އޮފީހުގެ ޕޮލިސީ ޑިޕާޓްމެންޓަށް ފޮނުވައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެޕްރޫވަލްއާއި އެކު ތިން ރަށްވެސް ދުބާއީ ކުންފުންޏަކަށް މިހާރު އެވޯޑްކޮށް އެވޯޑް ލެޓާ ދީފައިވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް އިތުރަށް ވިދާޅުވީ އެކުންފުނިން މިހާރު ތިން ރަށުގެ ތެރެއިން އެއްރަށަށް ފައިސާ ދައްކާފައިވާ ކަމަށާއި ބާކީ ހުރި ދެރަށަށްވެސް މިމަހުގެ ތެރޭގައި ފައިސާ ދައްކާނެ ކަމަށެވެ. އަދި އެޔަށްފަހު ކުރިޔަށް އޮތް ދެމަހުގެ ތެރޭގައި އެ ރަށްތަކުގައި ތަރައްޤީކުރާ ރިސޯޓުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މި ރަށްތަކުގެ ތަފްސީލް ވަޒީރު ހާމަކޮށްފައި ނުވި ނަމަވެސް ގާފު ނޫހަށް މައުލުމާތު ލިބިފައިވާ ގޮތުގައި އެރަށްތަކަކީ ލ ކަށިދޫ އާއި ލ ބޮޑުމުންޏަފުއްޓާއި ލ ހަންހުށި އެވެ. އެރަށްތައް ކްލޯސް ބިޑިންގ އަށް މިދިޔަ މޭމަހު ވަނީ ހުޅުވާލާފައި އެވެ. މި ރަށްތައް ދީފައިވަނީ ދުބާއީގެ ކޮން ކުންފުންޏަކަށް ކަމެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.
މިރޭގެ ހަރުގެ ޖަލްސާގައި ފައިސަލް ވަނީ ލ ބަރެސްދޫގައި ފަތުރުވެރިކަމުގެ މަޝްރޫއެއް ހިންގުމަށް ޗައިނާގެ ކުންފުންޏަކުން މިހާރު އެރަށުގައި ބަލަންޖެހޭ ކަންކަން ބެލުމަށް ހަރަކާތްތެރިވަމުން އަންނަ ކަންވެސް ހާމަކުރައްވާފައި އެވެ.
ގުޅުންހުރި

މިނިސްޓަރ ފައިސަލް އިންޑިއާގެ ޓުއަރިޒަމް މިނިސްޓަރާއި ބައްދަލުކުރައްވައިފި

ރާއްޖެ އިޝްތިހާރުކުރުމަށް ބާއްވާ "ވެލްކަމް އިންޑިއާ" ރޯޑްޝޯއަށް މިނިސްޓަރ ފައިސަލް އިންޑިއާއަށް!

މިސަރުކާރުން ރާއްޖެ ބަނގުރޫޓުވިޔަ ނުދޭނެ - ފައިސަލް
