މިނިސްޓަރ ފައިސަލް އިންޑިއާގެ ޓުއަރިޒަމް މިނިސްޓަރާއި ބައްދަލުކުރައްވައިފި
އަހުމަދު ޝުރާއު
7/30/2024, 8:49:16 AM
--
ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރު އިބްރާޙިމް ފައިސަލް އިންޑިއާގެ ޓުއަރިޒަމް މިނިސްޓަރު ޝްރީ ގަޖަންދުރަ ސިންގް ޝެކާވަތުއާ ބައްދަލުކުރައްވާފައެވެ
މި ބައްދަލުކުރެއްވުން އޮތީ މިހާރު މިނިސްޓަރު ފައިސަލް އިންޑިއާއަށް ކުރައްވަމުން އަަންނަ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އެވެ.
މިނިސްޓަރު ފައިސަލް އިންޑިއާއަށް ކުރައްވަމުން އަންނަ ދަތުރުފުޅަކީ ރާއްޖެ އިޝްތިހާރުކުރުމަށް އިންޑިއާގައި ބޮޑު ތިން ސިޓީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ " ވެލްކަމް އިންޑިއާ" ރޯޑް ޝޯގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރައްވަމުން އަންނަ ދަތުރުފުޅެކެވެ.
މިނިސްޓަރު އިބްރާހިމް ފައިސަލް އިންޑިއާގައ ޓުއަރިޒަމް މިނިސްޓަރު ޝްރީ ގަޖަންދުރަ ސިންގް ޝެކާވަތުއާއި އެކު މިއަދު ކުރިޔަށް ގެންދިޔަ ބައްދަލުކުރެއްވުމުގައި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ހަރުދަނާކުރުމާއި، ދެޤައުމުގެ ދެމެދުގައި ފައިދާހުރި ފުރުޞަތުތައް ހޯދުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
އިންޑިއާގައި ރޯޑްޝޯ ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އަދި ނޭޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަނާއި ގުޅިގެންނެވެ.
މިނިސްޓްރީއިން ބުނާ ގޮތުގައި މި ރޯޑްޝޯގެ މައިގަނޑު މަޤްޞަދަކީ އިންޑިޔާގައި ރާއްޖޭގެ ފަތުރުވެރިކަން މާކެޓްކޮށް އަދި ޕްރޮމޯޓުކުރުމާއި، އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ. މީގެ އިތުރުން ރާއްޖެއަށް އިންޑިޔާއިން ދަތުރުކުރާ އެއާލައިން އިތުރުކުރުމަށްޓަކައި އެމިނިސްޓްރީއިން އިންޑިއާގެ ކަމާ ގުޅުންހުރި ފަރާރްތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ އެންމެ ބޮޑު ތިން ސިޓީގައި ބާއްވާ މި ރޯޑްޝޯވްގައި އެމްއެމްޕީއާރްސީ، މަޓާޓޯ އަދި ނޭޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން ގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ބައިވެރިވާނެއެވެ.
އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ 10 ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ޖުލައި މަހުގެ 28 ގެ ނިޔަލަށް އިންޑިއާގެ 71,012 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.