
ދިގު އިންތިޒާރަކަށްފަހު ކާޑެއްދޫ އެއާޕޯޓަށް އެމްބިއުލާންސް ބަގީއެއް!
# ވިލާ އެއަރ# ކާޑެއްދޫ އެއަރޕޯޓު--
ރާއްޖޭގައި އެންމެ ދުވަސްވީ އެއް އެއާޕޯޓު ކަމަށްވާ ކާޑެއްދޫ އެއާޕޯޓުގައި އެމްބިއުލާންސްގެ ބަގީގު ހިދުމަތް ފަށައިފި އެވެ.

ކާޑެއްދޫ އެއާޕޯޓުން މިއަދު ބުނީ އެއާޕޯޓަށް އެމްބިއުލާންސް ބަގީއެއް ގެނެސް ބަލިމީހުންނަށް އެއާޕޯޓުގައި ހިދުމަތް ދެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި މި އެމްބިއުލާންސް ބަގީއާއި އެކު ބަލިމީހުންނަށް ރައްކާތެރިކަމާއި ސަލާމާތްތެރިކަމާއި އެކު އަވަހަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށްވެސް ކާޑެއްދޫ އެއާޕޯޓުން ވަނީ ބުނެފައި އެވެ.
ކާޑެއްދޫ އެއާޕޯޓުގައި މީގެ ކުރިން ބަލިމީހުން އުފުލުމަށް ބޭނުންކުރަމުން އައީ ޕިކަޕެކެވެ. ޕިކަޕުގައި ބަލިމީހުން އުފުލުމުގައި ބޮޑެތި ދަތިތަކަކާއި ކުރިމަތިވެ ގިނަ ބަޔެއްގެ އެތައް ފާޑުކިޔުމެއް ވަނީ އެއާޕޯޓު ހިންގަމުން އަންނަ ވިލާ އެއާއަށް ވަނީ އަމާޒުވެފައި އެވެ.
ވިލާ އެއާގެ ބެލުމުގެ ދަށުގައި އޮތް ކާޑެއްދޫ އެއާޕޯޓު ރައީސް ޔާމީންގެ ސަރުކާރުން އެކުންފުނީގެ އަތުން ނެގުމަށްފަހު ދިގު ޝަރުއީ މަރުހަލާއަކަށްފަހު ވިލާއަށް އެއާޕޯޓު އަލުން ލިބުނީ 2022 ވަނަ އަހަރުގެ ތެރޭގައި އެވެ. އެއާޕޯޓު ވިލާއަށް އަނބުރާ ލިބުނު އިރު ހުރީ އެއާޕޯޓު ސަރުކާރަށް ނެގި އިރުވެސް ހުރި ހާލަތުގައި އެވެ.
ވިލާއެއާގެ ބެލުމުގެ ދަށަށް ކާޑެެއްދޫ އެއާޕޯޓު އައިތާ މިހާތަނަށް 2 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާެއިރު ވިލާއެއާއިން ދަނީ ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އެއާޕޯޓަށް ގެންނަމުންނެވެ. ނަމަވެސް ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް އެއާޕޯޓަށް ކާޑެއްދޫ ވެފައި އަދި ޑޮމެސްޓިކް އެންމެ ބާރު ބޮޑު އެއް އެއާޕޯޓަށް ކާޑެއްދޫ އެއާޕޯޓު ވެފައިވާއިރު އެއާޕޯޓަށް ޒަމާނީ ބަދަލުތަކެއް އައިސްފައި ނެތުމަކީ އެއާޕޯޓު ބޭނުންކުރަމުން އަންނަ ގދ އަތޮޅުގެ އެތައް ބަޔެއްގެ ބޮޑު ކަންބޮޑުވުމެކެވެ.
ގުޅުންހުރި

އެމްއެންޑީއެފް އިން ކާޑެއްދޫގައި ކުރިއަށްގެންދިޔަ "ރެސްކިއު ސްވިމިން ޕްރޮގްރާމް"ގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ކާޑެއްދޫ އެއަރޕޯޓުގެ ފަޔަރފައިޓަރުންނަށް ރެސްކިޔު ސްވިމިންގ ޕްރޮގްރާމެއް ފަށައިފި

ދިގު އިންތިޒާރަކަށްފަހު ކާޑެއްދޫ އެއާޕޯޓަށް އެމްބިއުލާންސް ބަގީއެއް!
