
—
ރާއްޖޭގެ އިގްތިސޯދު ލަފާކޮށް ނެރުނު ފިޗްގެ ރޭޓިން ދަށްވުމުގެ ސަބަބަކީ ބެލުމެއްނެތި ނެގި ދަރަނިތައް ކަމަށް އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރޭ ޕީއެންސީއިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސައީދު ވަނީ ރާއްޖޭގެ އިގްތިސޯދާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ރައްޔިތުންނާއި ހިއްސާކުރައްވާފައި އެވެ.
އެގޮތުން ސައީދު އެންމެ ބޮޑަށް އަލިއަޅުއްވާލީ ރާއްޖޭގެ އިގްތިސޯދު ލަފާކޮށް ފިޗުން ދާދި ފަހުން ނެރުނު ރޭޓިންގ އަށެވެ. ސައީދު ވިދާޅުވީ ފިޗްގެ ރޭޓިންގ ރާއްޖޭގެ ރޭޓިން ބީ-ޕްލަސްއިން ސީ.ސީ.ސީ-މައިނަސްއަށް ދާން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ، ބެލުމެއް ނެތި ނެގި ދަރަނިތައް ކަމަށެވެ. އަދި ސައީދު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އިޤްތިޞާދީ ރޭޓިން ދަށްވެގެންދާން މިސަރުކާރުން ކުރީ ކީއްތޯ ސުވާލުކުރައްވާފައެވެ.
އެގޮތުން ރާއްޖޭގެ ވިޔަފާރިވެރިން މިއަދު ތިބި ދަތި ޙާލަތަށް ވައްޓާލީ ނިމުނު ސަރުކާރުގައި ޒިންމާދާރުކަމެއްނެތި ކޮށްފައިވާ ކަންކަމުންކަން ސައީދު ވަނީ ފާހަގަކުރައްވާފައި އެވެ. އަދި މިވަގުތަކީ ޢިޤްތިޞާދީ ތަރައްޤީއަށް ލޯނާ ދަރަނި ނެގޭ ޙާލަތުގައި އޮތް ވަގުތެއް ނޫންކަމަށާއި، އެންމެ އިސްކަމެއް ދެއްވައިގެން މިވަގުތު ކުރަމުންދާ މަސައްކަތަކީ ބޭރުގެ މާލީ އިދާރާތަކަށް މިވަގުތަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރު އަދި 1 ބިލިއަން ޑޮލަރުގެ ދަނަރި، ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ނާންނާނެގޮތަށް އަދި ވިޔަފާރިވެރިންނަށް ހުރަހެއް ނާންނޭގޮތަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކަމަށް ސައީދު ވިދާޅުވި އެވެ.
ސަރުކާރުގެ އިޤްތިޞާދީ ރިފޯމް މަސައްކަތާއި ގުޅޭގޮތުން ސައީދު ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ، ރައްޔިތުންނަށް ބުރައަކަށް ނުވާގޮތަށް ލޯނާއި މާލީ އެހީތެރިކަން ހޯދުމަށްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މި ރާއްޖެ ނުދަރާނެކަމަށް ސައީދު ވިދާޅުވިއެވެ.
" ރާއްޖެ ދާނީ އިޤްތިޞާދީގޮތުން ކުރިއަށް. ބޮލަކަށްޖެހޭ އާމްދަނީވެސް ދާނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން. ވަޢުދުތައްވެސް ދާނީ ފުއްދަމުން " ސައީދު ވިދާޅުވިއެވެ.
ސައީދު ވަނީ ޗައިނާގެ އިތުރުން އިންޑިއާއާއެކު ރާއްޖޭގެ އިގްތިޞާދު ރަނގަޅު ކުރުމުގެ މަސައްކަތްތައް ކުރެވެމުން ދާކަން ފާހަގަކުރައްވާފައި އެވެ. އެގޮތުން މި ދެގައުމާއިއެކު ކުރާ ވިޔަފާރީގެ މުއާމަލާތްތައް އަމިއްލަ ގައުމުގެ ކަރަންސީން ކުރެވޭނެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ މީގެ ސަބަބުން ރާއްޖޭގައި ޑޮލަރަށް އޮންނަ ޕްރެޝަރު ވަރަށް ބޮޑަށް ކުޑަކުރެވިގެން ދާނެ ކަަމަށެވެ.
ގުޅުންހުރި

ޖަމީލުއަށް ސައީދުގެ ފާޑުކިޔުން: މައިކު އަތުޖެހުމުން ތިދަނީ "ދުނިޔެ ރަންވެ" ހޭބުއްދި ލުހިގެން!

ރާއްޖެއަށް އިތުރު އިންވެސްޓްމެންޓުތައް ހޯދުމަށް ސައީދު ތުރުކީއަށް!

ސަރުކާރުގެ ދައުވަތަކީ ފިކުރު އެއްކިބާކޮށް ޤައުމުގެ ތަރައްޤީއަށް ޒުވާނުން ނިކުތުން - ސައީދު
