
--
ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ތުރުކިޔޭ އަށް ފުރާވަޑައިގެންފި އެވެ.

އެކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ މިނިސްޓަރު ސައީދޔ ރަސްމީ ދަތުރުފުޅެއްގައި ތުރުކިޔޭއަށް ފުރާވަޑައިގެންނެވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
އެގޮތުން މިނިސްޓަރުގެ މި ދަތުރުފުޅުގައި ބައިނަލްއަޤްވާމީ ބޮޑެތި ވިޔަފާރިވެރިންނާއި ތުރުކިޔޭގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ބައްދަލުކުރުންތަކުގައި، ވިޔަފާރީގެ ޕާޓްނަރޝިޕްތައް ފުޅާކުރުމާއި، ރާއްޖެއާއި ތުރުކީއާ ދެމެދު އިންވެސްޓްކުރުމުގެ އައު ފުރުޞަތުތައް ހޯދުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައި ކަމަށް މިނިސްޓްރީން ބުނެއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމާއި އެކު ރާއްޖެއާއި ތުރުކިޔޭގެ ގުޅުންތައް އިތުރަށް ވަނީ ވަރުގަދަ ވެފައި އެވެ. އެގޮތުން ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީވެސް އެގައުމަށެވެ. އަދި އެ ދަތުރުފުޅުތަކުގައި ރާއްޖޭގެ އެކި ސިނާޔަތްތަކަށް އެގައުމުން އެހީތައް ދީފައިވާއިރު އިތުރު އެހީތައް ދިނުމަށް މިހާރުވެސް ދަނީ މަޝްވަރާތަކެއް ކުރެވެމުންނެވެ.