
ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 5 ނޫސްވެރިއަކު ޝަހީދުކޮށްލައިފި އެވެ.

މިއަދު ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ އިސްރާއީލުން ވަކިވަކިން ދިން ހަމަލާތަކުގައި އެ ސަރަހައްދުގެ މެދުގައި ހުންނަ ނުސީރަތު ރެފިއުޖީ ކޭމްޕްގައި ތިން ނޫސްވެރިން އަދި ޣައްޒާގެ އެހެނިހެން ސަރަހައްދުތަކުން ދެ ނޫސްވެރިއަކު ޝަހީދުވެފައިވާ ކަމަށެވެ.
މިއާއި އެކު އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހިނގަމުންދާ ހަނގުރާމައިގައި ޝަހީދުވި ނޫސްވެރިންގެ އަދަދު މިވަނީ 158 އަށް އަރާފައެވެ.
ނުސީރަތުގައި ޝަހީދުވި ނޫސްވެރިންނަކީ ފަލަސްތީނުގެ މީޑިއާ އެޖެންސީގެ އަމްޖަދު ޖަހްޖޫހު އާއި ރިޒްގު އަބޫ އަޝްކިއަން އާއި ޣައްޒާގެ އިސްލާމިކް ޔުނިވާސިޓީ ރޭޑިއޯގެ ވަފާ އަބޫ ދަބާން އެވެ.
މީގެ އިތުރުން ފަލަސްތީނުގެ ނޫސްވެރިން ކަމަށްވާ ސާދީ މަޑޫކް އާއި އަހުމަދު ސުއްކަރް ޝަހީދުވީ ޣައްޒާ ސިޓީގެ ދަރާޖް އަވަށުގައި ހުންނަ މަޑޫޚް އާއިލާގެ ގެއަކަށް އަމާޒުކޮށް އިސްރާއީލުން ހުކުރު ދުވަހު ދިން ހަމަލާއެއްގަ އެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހޮނިހިރު ދުވަހު ބުނީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 87 މީހުން ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ފަސް ނޫސްވެރިން ވެސް ހިމެނޭ ކަމަށާއި ފާއިތުވި ނުވަ މަސް ދުވަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 38،098 އަށް އަރާފައިވާ ކަމަށެވެ.
އެ މުއްދަތުގައި އިޒްރޭލުން ދިން އަސްކަރީ ހަމަލާތަކުގައި މިހާތަނަށް 87،700 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ގުޅުންހުރި

ޓްރަމްޕާއި ބައްދަލުކުރަން ފުރަމުން ނަތަންޔާހޫ ބުނީ ހަމާސް ނައްތާލާފައި ނޫނީ ޣައްޒާ ހަނގުރާމަ ހުއްޓާލަން އެއްބަސްނުވާނެ ކަމަށް!

ނުސީރަތު ރެފިއުޖީ ކޭމްޕަށް ޔަހޫދީން ބޮން އަޅައި 5 ކުޑަކުއްޖަކު ޝަހީދުކޮށްލައިފި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 139 އަށް!
