
ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ޖަރުމަނު ކަޓުވާލުމަށްފަހު ސްޕެއިން ސެމީއަށް
# ޔޫރޯ 2024# ބޭރު ދުނިޔޭގެ ކުޅިވަރުސްޕެއިނާއި ޖަރުމަނު ވަލާދަކުރި މެޗުގެ ތެރެއިން
ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔުއެފާ ޔޫރޯ 2024 ގެ ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން ޖަރުމަން ބަލިކޮށް ސްޕެއިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ސްޕެއިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ދެވަނަ ބުރުގައި ފަސޭހަކަމާއެކު 4-1 ގެ ނަތީޖައަކުން ޖޯޖިއާ ބަލިކުރުމަށްފަހު އެވެ. އަދި ޖަރުމަން ކުއާޓާގެ ފުރުސަތު ހޯދީ ދެވަނަ ބުރުގައި 2-0 ގެ ނަތީޖާއަކުން ޑެންމާކު ބަލިކުރުމަށްފަހުއެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު ސްޕެއިންގެ ޒުވާން މިޑްފީލްޑަރު ޕެޑްރީއަށް އަނިޔާވެ ވަނީ ބަދަލުކޮށްފައެވެ. އަދި މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ސްޕެއިނުންނެވެ. މިލަނޑު ދެވަނަ ހާފުގެ 51 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އެޓީމު މިޑްފީލްޑަރު ޑެނީ އޮލްމޯއެވެ. މިއީ އެޓީމުގެ ޒުވާން ފޯވާޑް ލަމައިން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ޖަރުމަނުން މެޗުގެ ނަތީޖަ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ފްލޮރިއަން ވްރިޓްޒް އެވެ. މިއީ އެޓީމުގެ ކެޕްޓަން ޖޯޝުއާ ކިމިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ 90 މިނެޓްގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިމެޗުން ސްޕެއިން މޮޅުވި ލަނޑު އިތުރުވަގުތުގެ ދެވަނަ ހާފުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް މިޑްފީލްޑަރު މިކެއިލް ނެރީނޯ އެވެ.މިއީ އެޓީމުގެ ޑެނީ އޮލްމޯ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އިތުރުވަގުތުގެ ދެހާފުގެ ކުޅުން ނިމިގެން އިތުރަށް ކުޅުނު ތިން މިނެޓްތެރޭގައި ސްޕެއިންގެ ޑިފެންޑަރު ޑެނީ ކަވަހާލް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




