ފިޗް ރޭޓިންގ ދަށްކޮށްފައިވަނީ ފާއިތުވި އަހަރުތަކުގައި ހަރަދުކުޑަ ނުކުރުމުގެ ސަބަބުން - މާލީ ވުޒާރާ
މުޙައްމަދު މުއައްވަޒު
6/30/2024, 6:37:42 PM
-
ފިޗް ރޭޓިންގ ދަށްކޮށްފައިވަނީ ފާއިތުވި އަހަރުތަކުގައި ހަރަދުކުޑަނުކުރުމުގެ ސަބަބުން ކަމަށް މާލީ ވުޒާރާއިން ބުނެފި އެވެ.
ދައުލަތުގެ މާލީ ހާލަތާއި ފިސްކަލް ހިރާސްތަކާ ގުޅޭގޮތުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހަޤީގަތް އޮޅޭގޮތަށް ދެއްކެވި ވާހަކަފުޅާއި ގުޅިގެން މާލީ ވުޒާރާއިން ވަނީ މިއަދު ނޫސްބަޔާނެއް ނެރެފައެވެ.
މި ބަޔާނުގައި ބުނެފައިވަނީ, ރާއްޖޭގެ އިގްތިސާދަކީ ކޯވިޑް-19ގެ ބަލިމަޑުކަމަށްފަހު އެންމެ އަވަހަށް އިޔާދަވި އެއް އެގްތިސާދުކަމާމެދު ޝައްކެއް ނެތް ކަމަށާއި, މިއަހަރާއި މެދުރާސްތާގައިވެސް ރާއްޖޭގެ އިޤްތިސާދު ހަލުވިކަމާއެކު ކުރިއަރާނެކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
އޭރުވެސް ދައުލަތުގެ މާލިއްޔާއަށް ހިރާސްތަކެއް ހުރިއިރު މާލީ ވުޒާރާއިން 2022 އަދި 20233 ވަނަ އަހަރުގެ ތެރޭގައި ފިސްކަލް ހިރާސްތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފިސްކަލް ސްޓްރެޓެޖީ ބަޔާންތަކާއި ބަޖެޓް ފޮތްތަކުގައި ހުށަހަޅާފައިވާކަމަށް އެ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.
2022 ވަނަ އަހަރު ހުށަހަޅައިގެން 2023 ވަނަ އަހަރުން ފެށިގެން ޖީއެސްޓީގެ ރޭޓުތަކަށް ގެނެސްފައިވަނީ ހާލަތާ ބައްދަލު ހެޔޮ ބަދަލުތަކެއް ކަމަށެވެ. ނަމަވެސް ކޯވިޑުގެ ހާލަތުން އަރައިގަނެވުނުއިރު ފާހަގަކުރެވުނު ފިސްކަލް ހިރާސްތައް ކުޑަކުރަން އަޅަންޖެހުނު އެންމެ މުހިންމު ފިޔަވަޅު އަޅާފައި ނުވާކަން މާލީ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުތައް ކުރީ ސަރުކާރުން ތަންފީޒުނުކޮށް ހުރުމުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް އާމްދަނީއާ ނުބައްދަލު މިންވަރަށް އިތުރުވެ، އެ ޑެފިސިޓް ފޫބެއްދުމަށް ކޮންމެ އަހަރަކުވެސް ނަގަން ޖެހޭ ދަރަނީގެ އަދަދު އިތުރުވެފައިވާ ކަމަށް މާލީ ވުޒާރާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ ސަބަބުން ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލިފައިވާއިރު މެދުރާސްތާގައި ދަރަނި އަދާނުކުރެވުމުގެ ހިރާސް އިންތިހާއަށް އުފުލިފައިވާކަން އައިއެމްއެފުން 2022 ވަނަ އަހަރު ނެރުނު ރިޕޯޓްގައިވެސް ފާހަގަކޮށްފައިވާ ކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ. ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމުގެ މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
މިއަހަރުގެ ބަޖެޓު ފޮތުގައި އަހަރުގެ މެދުތެރެއިން ފެށިގެން މާލީ އިސްލާހުތަކެއް ތަންފީޒުކޮށްގެން ޚަރަދުކުޑަކުރާނެ ކަމަށް ބަޔާންކޮށް، ފްރޭމްވަރކެއް ތައްޔާރުކި ނަމަވެސް ކުރީ ސަރުކާރުގެ ވެރިކަން ނިމުނުއިރުވެސް އޭގެ އެކްޝަން ޕްލޭނެއް އެކުލަވާލާފައިނުވާކަމަށް މާލީ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
އެ އިސްލާހުތަކާ ގުޅޭ ތަފްސީލީ ޓެކްނިކަލް މަސައްކަތްތައް ނިންމައި ޚަރަދު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މިހާރު ކުރަމުންދާ އިސްލާހީ މަސައްކަތްތަކަކީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ، އަދި މުސްތަގުބަލާ ގުޅޭ ކަމަކަށްވާތީ އެ މަސައްކަތްތަކުގައި ހުރިހާ ފަރާތްތަކުންވެސް ފުރިހަމަ އެއްބާރުލުން ދިނުމަށް މާލީ ވުޒާރާއިން ވަނީ އެދިލައްވާފައެވެ.