23 ޓީމާއެކު އެޗްބީސީގެ 18 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތް ތިނަދޫ ސިޓީގައި މިއަދު ފަށައިފި
ހަސަން ޝަމްއޫން
6/27/2024, 2:37:54 PM
އެޗްބީސީގެ 18 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތުގެ ތެރެއިން
ހުވަދޫ ބެޑްމިންޓަން ކުލަބު (އެޗްބީސީ) ގެ 18 އަހަރުން ދަށުގެ ފުރަތަމަ ބެޑްމިންޓަން މުބާރާތް 23 ޓީމައެކު، މިއަދު ތިނަދޫ ސިޓީގައި ފަށައިފިއެވެ.
ހުވަދޫ ބެޑްމިންޓަން ކުލަބުގެ އޮފިޝަލަކު ގާފު ސްޕޯޓްސް އަށް މައުލޫމާތު ދިންގޮތުގައި އެކުލަބުގެ ފަރާތުން ތިނަދޫ ސިޓީގައި މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ މިސިޓީގައި ބެޑްމިންޓަންގެ ފޯރި އިތުރުކޮށް މި ކުޅިވަރު ކުޅޭ ޒުވާން ކުދިންނަށް ވާދަވެރި މުބާރާތެއްގައި ވާދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުމެވެ.
މިއަދުން ފެށިގެން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ތިނަދޫ ސިޓީގައި ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ 23 ޓީމު ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އަންހެން 13 ޓީމާއި ފިރިހެން 10 ޓީމެވެ. އަދި މުބާރާތް ކުރިއަށްދަނީ ދެޑިވިޝަނަކަށް ބަހާލައިގެންނެވެ.
އެގޮތުން އަންހެން ޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 13 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން، ތިން ގުރޫޕުން ވެސް، ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ އަންހެން ޑިވިޝަނުގެ ކުއާޓާ ފައިނަލަށް ހޮވޭގޮތަށެވެ.
ފިރިހެން ޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 10 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ސެމީ ފައިނަލަށް ހޮވޭގޮތަށެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ ޒޯން ސްޓޭޑިއަމް އިންޑޯ ހޯލުގައެވެ.