އިންޑިއާއިން އައްޑޫއަށް ޕެރިޝަބަލް މުދާ ގެންނަން ފަށަނީ
މުޙައްމަދު މުއައްވަޒު
6/23/2024, 6:01:21 AM
-
އަންނަ މަހުން ފެށިގެން އިންޑިއާއިން އައްޑޫއަށް ޕެރިޝަބަލް މުދާ (އަވަހަށް ހަލާކުވާ ޒާތުގެ މުދާ) ގެންނަން ތައްޔާރުވެފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާޙިމް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ, އިންޑިއާއިން ޕެރިޝަބަލް މުދާ ގެންދިޔުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ, އެމްޕީއެލްއާއި ހިތަދޫ ޕޯޓް ލިމިޓެޑްއާއި ގުޅިގެން ކުރެވުނު މަސައްކަތުން ކަމަށެވެ.
އަންނަ މަހުގެ 1 ވަނަ ދުވަހު މި ހިދުމަތް ފެށުމަށް ތައްޔާރުވެފައިވާއިރު, މި ހިދުމަތް ފޯރުކޮށްދޭނީ, ރާއްޖޭއަށް އެންމެ ގިނައިން މޭވާއާއި ތަރުކާރީގެ ބާވަތްތައް އެތެރެކުރާ އިންޑިޔާގެ ފައިނެސް ގުރޫޕް މެދުވެރިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
ވަޖީހު ވިދާޅުވީ, މީގެ ކުރިން މި ހިދުމަތް ދެވެމުން އަންނަނީ ލަކުޑި ބޯޓު ފަހަރުން ކަމަށް ވާތީ، ހިދުމަތް ދެވެނީ، އަހަރު ތެރޭގައި ވަކި ދުވަސް ތަކެއް ގައި ކަމަށެވެ. އެހެން ނަމަވެސް ޖުލައި މަހުން ފެށިގެން ދަގަނޑު ބޯޓުން މި ހިދުމަތް ދޭން ފެށުމުން އަހަރުގެ ހުރިހާ ދުވަހެއްގައިވެސް ޕެރިޝަބަލް މުދާ ސީދާ އައްޑޫއަށް އެތެރެކުރެވޭނެ ކަމަށް ވަޖީހު ވިދާޅުވި އެވެ. އަދި މި ހިދުމަތް ދޭނީ, ކޮންމެ 10 ދުވަހާއި 15 ދުވަހަކުން އައްޑޫއަށް ބޯޓެއް ދަތުރުކުރާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އާއްމު ގޮތެއްގައި އެ ބޯޓުތަކުގައި ގެންދާނީ، ބިސް، ފިޔާ، އަލުވި، ތަރުކާރީ ބާވަތް ތަކާއި، މޭވާގެ ބާވަތްތަކެވެ. މީގެ އިތުރުން އައްޑޫ ސިޓީ ގެ ރައްޔިތުން، އިންޑިއާ އިން ގެންދަން ބޭނުން ވާ، ކާބޯތަކެތީގެ އެހެނިހެން ބާވަތްތަކާއި، ޖެނެރަލް ކާގޯގެ ބާވަތްތައް މި ބޯޓުތަކުގައި ގެންދެވޭނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.