ޝަރުތު ހަމަވާ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފި
އަލްފާ އަލީ
6/18/2024, 10:17:18 AM
އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް --
ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުތުހަމަވާ ހަ ސިޔާސީ ޕާޓީއަކަށް އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކޮށްފައިވަނީ, އެމްޑީޕީ، ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އެމްޑީއޭ، ޕީއެންސީ އަދި އަދާލަތު ޕާޓީއަށެވެ.
ފައިސާ ދޫކުރާ ޕާޓީތަކާއި ޢަދަދު:
• މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ): 15.1 މިލިއަން ރުފިޔާ• ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް): 10.4 މިލިއަން ރުފިޔާ• ޖުމްހޫރީ ޕާޓީ (ޖޭޕީ): 5.3 މިލިއަން ރުފިޔާ• މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް(އެމްޑީއޭ): 2.4 މިލިއަން ރުފިޔާ• ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ): 8.0 މިލިއަން ރުފިޔާ• އަދާލަތު ޕާޓީ: 2.5 މިލިއަން ރުފިޔާ
އިލެކްޝަންސް ކޮމިޝަނުން މި ޕާޓީތަކަށް ފައިސާދޫކޮށްފައިވަނީ, ޕާޓީގައި މެންބަރުން ތިބި އަދަދަށް ބޮލަކަށް 289.62 ރުފިޔާގެ ރޭޓުންނެވެ. މިއަހަރުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ޖުމްލަ 44 މިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް ޝަރުތު ހަމަވަނީ ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ ދުވަހާ ހަމައަށް އެ ޕާޓީއެއްގެ މެންބަރުންގެ ދަފްތަރުގައި 10،000 މީހުން ހަމަވާ ޕާޓީތަކަށެވެ.