އީދު ފާހަގަކުރުމުގައި އެހެން ދީންތަކުގެ ގޮތްތައް ދޫކޮށްލަން ޖެހޭ - އީދު ހުތުބާ
އަލްފާ އަލީ
6/16/2024, 6:25:04 AM
-
ޢީދުގެ އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލަން ޖެހޭ ކަމަށް އަޟްހާ ޢީދު ހުތުބާގައި ބުނެފި އެވެ.
އީދު ހުތުބާގައި ބުނީ އަޟްހާ އީދު ދުވަސް އަންނަނީ ހިތްތަކަށް އުފާވެރިކަން އިޔާދަކުރަމުން ކަމަށާއި މިއީ ކެއުމާއި ބުއިމާއި އަދި އުފާ ފާޅުކުރުމުގެ ދުވަހެއް ކަމަށެވެ. އަދި މުސްލިމުން އުފާ ފާޅުކުރާއިރު، އިސްލާމްދީނުގެ އުސޫލުތަކަށް ތަބާވާންޖެހޭ ކަމަށާއި ދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަން ކުރުމުން ދުރުހެލިވާންޖެހޭ ކަމަށެވެ.
ޤައުމަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ، އެ ޤައުމުގެ އަހުލުވެރީންނަކީ މާތް ﷲ އެއްކައުވަންތަކޮށް އާހިރަތް ދުވަހަށް އީމާންވާ ބަޔަކަށްވުންކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި ޤައުމަކަށް ލިބޭނެ ބޮޑު އަނެއް ނިޢުމަތަކީ، އެ ޤައުމަކީ އަމަންއަމާންކަން ލިބިފައިވާ ޤައުމަކަށްވުން ކަމަށާއި، އެ ޤައުމުގެ އަހުލުވެރީންނަކީ، އުފާ ފާގަތިކަން ލިބިފައިވާ ބަޔަކަށް ވުންކަމަށްވެސް ބުނެފައިވެއެވެ.
މިކަންކަން ހާސިލްކުރުމަށް ދޭދޭ ފަރުދުންގެ ގުޅުންތައް ވަރުގަދަކޮށް، އެއްބައިވަންތަ ބަޔަކަށް ވުމާއެކު، ޚިޔާލުތަފާތުވުންތަކުގައި އެކަކު އަނެކަކަށް އިޙްތިރާމުކޮށް، އަމިއްލަ މަޞްލަޙަތުގެ ބަދަލުގައި، ދީނާއި، ވަޠަނުގެ މަޞްލަޙަތު އިސްކުރުން މުހިންމު ކަމަށްވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
އީދު ހުތުބާގައި ވަނީ ފަލަސްތީނު ރައްޔިތުން ހިމާޔަތް ކުރުމުގައި މުސްލިމް އުއްމަތް ނުކުޅެދިފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާހަގަކޮށްފަ އެވެ. އެގޮތުން އިސްލާމްދީނަކީ އިއްޒަތްތެރިކަން ލިބިގެންވާ ދީނެއް ނަމަވެސް މިއަދު މުސްލިމުން ވަނީ ވަރަށް ބޮޑަށް ނިކަމެތިވެފައި ކަމަށާއި މިކަން އެންމެ ބޮޑަށް ދޭހަކޮށްދޭ އެއް ކަމަކީ ފަލަސްތީނުގެ ރަފަހާއި ގާޒާ އާއި އެހެނިހެން ބިންތަކަށް ސަހްޔޫނީން ވެރިވެގެންފައިވާ އިރު ވެސް އިސްލާމީ އުއްމަތް ފަލަސްތީނުގެ ރައްޔިތުން ހިމާޔަތް ކުރަން ނުކުޅެދިފައިވުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.