މެލޭޝިއާގެ ޖެންޓިންގ ހައިލޭންޑްސްގައި އަލިފާނުގެ ބޮޑު ހާދިސާއެއް!
އަހުމަދު ޝުރާއު
6/14/2024, 6:00:20 PM
ޖެންޓިންގައި މިއަދު ހިނގި އަލިފާނުގެ ހާދިސާ
ދިވެހިންގެ މެދުގައިވެސް މަގްބޫލު މެލޭޝިޔާގެ ތީމް ޕާކެއް ކަމަށްވާ ޖެންޓިންގ ހައިލޭންޑްސްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި އެވެ.
މެލޭޝިއާގެ ނޫސްތަކުން ބުނާ ގޮތުގައި ޖެންޓިން ހައިލޭންޑްސްގެ ޖެންޓިން ސްކައިވޯލްޑްސް އައުޓްޑޯ ތީމް ޕާކުގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގީ މިއަދު ހަވީރު މެލޭޝިއާ ގަނޑިން 4:55 ހާއިރު އެވެ.
މެލޭޝިއާގެ ޕަހަންގް ފަޔަރ އެންޑް ރެސްކިއު ޑިޕާޓްމަންޓްގެ ތަރުޖަމާނު ވިދާޅުވީ އަލިފާން ރޯވީ އެ އިމާރާތުގެ ދެވަނަ ފަންގިފިލާގައި ކަމަށާއި ނަމަވެސް މަދު ވަގުތުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ހަތަރުވަނަ ފަންގިފިލާއާއި ހަަމައަށް ފެތުރިފައިވާ ކަމަށެވެ.
ޖެންޓިން، ބެންޓޮންގް އަދި ޖަންޑާ ބައިކްގެ ފަޔަރ ސްޓޭޝަންތަކުން 21 ސިފައިން ވަނީ އަލިފާން ނިންވުމުގައި ހަރަކާތްތެރިވެފައި އެވެ, އެސަރަހައްދަށް ގޮސްފައެވެ.އެގޮތުން ފަޔާރ ޓްރަކްތައް އެސަރަހައްދަށް ފޯރީ ހާދިސާގެ ރިޕޯޓް ލިބުނުތާ 5 މިނިޓު ފަހުން ކަމަށް ޕަހަންގް ފަޔަރ އެންޑް ރެސްކިއު ޑިޕާޓްމަންޓްގެ ތަރުޖަމާނު ވިދާޅުވިއެވެ.
ރިސޯޓްސް ވޯލްޑް ޖެންޓިންއިން ނެރުނު ބަޔާނެއްގައި ބުނީ ސްކައިއެވެނިއުގައި އަލިފާން ރޯވެފައިވަނީ މިއަދު ހަވީރު 4:30 ހާއިރު ކަމަށާއި އެހެން ހުރިހާ ސަރަހައްދަކަށް އެއްވެސް އަސަރެއް ކޮށްފައި ނުވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަ ގޮތުގައި ގެންޓިންގ އަށް ދިޔުމަށް ގިނަ ބަޔަކު ބޭނުންކރުާ ކޭބަލް ކާރުގެ ވަޔަރު ކައިރީގައި ހުރި އިމާރާތެއްގެ ބިއްލޫރިގަނޑުން ދުން އަރައެވެ.
ޖެންޓިންގ ހައިލޭންޑްސްއަކީ މެލޭޝިއާއަށް ދާ ގިނަ އަދަދެއްގެ ދިވެހިން ޒިޔާރާތް ކުރާ ތަނެކެވެ. އެގޮތުން ޖެންޓިން އަކީ ކޭބަލު ކާރުން ދެވޭ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރާއި ގާތް ސަރަހައްދެކެވެ.