logoEN
cocacola
ފަސޭހަކަމާއެކު ކީން ބަލިކޮށް  ޗެންޕިއަން ރެޑްހޯކްސް ފައިނަލަށް

ފަސޭހަކަމާއެކު ކީން ބަލިކޮށް ޗެންޕިއަން ރެޑްހޯކްސް ފައިނަލަށް

ހަސަން ޝަމްއޫން

logo

6/9/2024, 4:28:59 PM

# ދިވެހި ކުޅިވަރު # ވެމްކޯ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕް 2024# ހޭންޑްބޯލް މޯލްޑިވްސް

ރެޑްހޯކްސް އާއި ކީން ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން

7 ވަނަ ވެމްކޯ ހޭންޑްބޯޅަ މޯލްޑިވްސް ޗެންޕިއަންޝިޕް 2024 ގެ އަންހެން ޑިވިޝަން ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ ކީން ސްޕޯޓްސް ކުލަބާއި ރެޑްހޯކްސް ސްޕޯޓްސް ކުލަބު ވާދަކުރި ފަސޭހަކަމާއެކު 25-41 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ރެޑްހޯކްސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ގޮސިޔާ

ރެޑްހޯކްސް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ފަސޭހަކަމާއެކު 18-52 ތަފާތުބޮޑު ނަތީޖާއަކުން ޕޮލިސް ކުލަބު ބަލިކުރުމަށްފަހުއެވެ. އަދި ކީން ސްޕޯޓްސް ކުލަބު ސެމީ ފައިނަލުން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު 32-23 ގެ ނަތީޖާއަކުން ބުރު ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހުއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ އަވަސް ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ނުވަ ޕޮއިންޓްގެ ލީޑަކާއެކު 12-21 ގެ ނަތީޖާއަކުން ރެޑްހޯކްސް ކުރީގައި އޮވެގެންނެވެ. އަދި މެޗެގެ ދެވަނަ ހާފުގައި ރެޑްހޯކްސް އިން އިތުރު 20 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ވެސް ކީން އިން 13 ލަނޑު ކާމިޔާބުކުރިއެވެ.

އެގޮތުން މިމެޗުގައި ރެޑްހޯކްސް ފާތުމަތު ލީން ބިން ޔާސިރު، 11 ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ފާތުމަތު ޖުނާ ވަނީ ނުވަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ ފާތުމަތު ތުހުފާ ހަތް ލަނޑު ކާމިޔާބުކުރިއިރު، ފިރުޝާނާ ނަސީރު އަދި ފާތުމަތު ޝާޔާ މުހައްމަދު އިން ކޮންމެ ކުޅުންތެރިއަކު ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އެޓީމުގެ ޔަސްފާ އާދަމަ އަދި އާމިބަތު ޒައިނާ ނިޔާޒު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި ކީންގެ ޚަދީޖާ އަހުމަދު ނުވަ ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ހައްވާ ސުލައިމާން އަދި ފާތުމަތު ރިސްމާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އައިޝަތު އާނާ ފަތުހުﷲ ދެލަނޑު ކާމިޔާބުކުރިއިރު، އީނާ އަހުމަދު، ހަލީމަތު ހަސްނާ، ހައްވާ މުޝީރާ މުހައްމަދު އަދި ޝީޒާ އިބްރާހިމް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެޑްހޯކްސްގެ ފާތުމަތު ޖުނާ އެވެ.

މިއަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި 16 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު މުބާރާތުގެ ކުއާޓާ ފައިނަލަށް ހޮވުނުއިރު، ކުއާޓާ ފައިނަލް މެޗުތައް ނިމި މިހާރު ކުރިއަށްދަނީ މުބާރާތުގެ ސެމީ ފައިިނަލް މެޗުތަކެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ ރޭއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ