ބުރު ސްޕޯޓްސް ކުލަބު ކަޓުވާލުމަށްފަހު ކީން ސެމީ ފައިނަލަށް
ހަސަން ޝަމްއޫން
6/6/2024, 4:51:36 PM
ބުރު ސްޕޯޓްސް ކުލަބައި ކީންސް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން
7 ވަނަ ވެމްކޯ ހޭންޑްބޯޅަ މޯލްޑިވްސް ޗެންޕިއަންޝިޕް 2024 ގެ އަންހެން ޑިވިޝަން ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ ކީން ސްޕޯޓްސް ކުލަބާއި ބުރު ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއެކު 23-32 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކީން ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީ ފައިނަލުން ޖާގަހޯދައިފިއެވެ.
ބުރު ސްޕޯޓްސް ކުލަބު މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމުން ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވިއިރު، އަނެއް މެޗުން ވަނީ ބަލިވެފައެވެ. އަދި ކީންސް ސްޕޯޓްސް ކުލަބު ކުއާޓާ ފައިނަލުން ޖާގަ ހޯދީ ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ކީން ސްޕޯޓްސް ކުލަބުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 17-9 ގެ ތަފާތުބޮޑު ނަތީޖާއަކުން ކީން ކުރީގައި އޮވެގެންނެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ބުރުން ވަނީ އެޓީމުގެ ކުޅުން ވަރަށް ބޮޑުތަން ރަނގަޅުކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން މިހާފުގައި ދެޓީމުގެ ފަރާތުން ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ދެވަނަ ހާފުގައި ކީން ސްޕޯޓްސް ކުލަބުން ވަނީ އިތުރު 25 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މިހާފުގައި ބުރުން ވެސް 14 ލަނޑު ކާމިޔާބުކުރިއެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކީން ސްޕޯޓްސް ކުލަބުގެ ޚަދީޖާ އަހުމަދު އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް 10 ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިއަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި 16 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު މުބާރާތުގެ ކުއާޓާ ފައިނަލަށް ހޮވިފައިވާއިރު، މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ކުޅުމަށް މިހާރު ހަމަޖެހިފައި ވަނީ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗު ކުޅުމަށް ތާވަލު ކުރެވިފައިވަނީ ޖޫން މަހުގެ ނުވަވަނަ ދުވަހުގެ ރޭ އެވެ.