logoEN
cocacola
ޕޮލިސް ކުލަބު ކަޓުވާލުމަށްފަހު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ވެލިދޫ ސެމީ ފައިނަލަށް

ޕޮލިސް ކުލަބު ކަޓުވާލުމަށްފަހު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ވެލިދޫ ސެމީ ފައިނަލަށް

ހަސަން ޝަމްއޫން

logo

6/5/2024, 3:42:28 PM

# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރު # ވެމްކޯ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕް 2024

ވެލިދޫ އާއި ޕޮލިސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން... ފޮޓީ: ގާފު ސްޕޯޓްސް / ހުސެއިން

7 ވަނަ ވެމްކޯ ހޭންޑްބޯޅަ މޯލްޑިވްސް ޗެންޕިއަންޝިޕް 2024 ގެ ފިރިހެން ޑިވިޝަން ގުރޫޕް ބީގައި މިރޭ ޕޮލިސް ކުލަބާއި ވެލިދޫ ޔުނައިޓެޑް ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 27-36 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ވެލިދޫ ޔުނައިޓެޑުން މުބާތާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

ގޮސިޔާ

މުބާރާތުގައި ޕޮލިސް ކުލަބުން ކުޅުނު ފުރަތަމަ މެޗުގައި 23-29 ގެ ނަތީޖާއަކުން ރޭވަން ސްޕޯޓްސް ކުލަބު އަތުން އެޓީމު މޮޅުވިއިރު، ދެވަނަ މެޗުގައި ފްލައިންގ އީގަލްސް އާއި ދެކޮޅަށް ޕޮލިހުން ކުޅުނު މެޗު ނިމުނީ 29-29 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ. އަދި އެޓީމުގެ ތިންވަނަ މެޗުގައި ޖީބީއައި ވާދަކޮށް 39-33 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ.

މުބާރާތުގައި ވެލިދޫ ޔުނައިޓެޑުން ކުޅުނު ފުރަތަމަ މެޗުގައި ރޭވަން ސްޕޯޓްސް ކުލަބު އަތުން 17-37 ގެ ނަތީޖާއަކުން އެޓީމު މޮޅުވިއިރު، ދެވަނަ މެޗުގައި ފުލައިންގ އީގަލްސް އަތުން އެޓީމު މޮޅުވީ ފަސޭހަކަމާއެކު 31-50 ގެ ނަތީޖާއަކުންނެވެ. ނަމަވެސް އެޓީމުގެ ތިންވަނަ މެޗުގައި 32-25 ގެ ނަތީޖާއަކުން ޖީބީ ސްޕޯޓްސް ކުލަބު އަތުން ވެލިދޫ ވަނީ ބަލިވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 16-19 ގެ ނަތީޖާއަކުން ވެލިދޫ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ވެލިދޫ އިން އިތުރު 18 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ޕޮލިސް ޓީމަށް ކާމިޔާބުކުރެވުނީ 11 ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލިދޫ ޔުނައިޓެޑުގެ އަހުމަދު އުނޭސް އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް 10 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިނަތީޖާއެކު މުބާރާތުގައި ކުޅުނު ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ވެލިދޫ ޔުނައިޓެޑުން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރިއިރު، މިމެޗުން ބަލިވި ޕޮލިސް ކުލަބުން މުބާރާތް ނިންމާލީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގުރޫޕްގެ ތިންވަނައިގައެވެ.

މިއަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި 10 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭއިރު، ސެމީ ފައިނަލް ދެމެޗު ކުޅުމަށްތާވަލުކުރެވިފައި ވަނީ ޖޫން މަހުގެ ހަތްވަނަ ދުވަހުގެ ރޭ އެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް މިހާރު ތާވަލު ކުރެވިފައިވަނީ ޖޫން މަހުގެ ނުވަވަނަ ދުވަހުގެ ރޭ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ