ހަސަން ޒަރީރު
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމެޓީގެ މުގައްރިރަކަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ހަމަޖައްސައިފިއެވެ.
ޒަރީރު އެކޮމެޓީގެ މުގައްރިރު ކަމަށް ހަމަޖައްސާފައިވަނީ މިއަދު ބޭއްވި އެކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި އެވެ. އެގޮތުން މިއަދުގެ ބައްދަލުވުމުގައި އޮތީ ކޮމެޓީގެ މުގައްރިރު ކަމާއި ނައިބު މުގައްރިރު ހޮވުމެވެ.
މިއަދުގެ ކޮމެޓީގައި މުގައްރިރަކަށް ޒަރީރުގެ ނަން ހުށަހެޅުއްވީމައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އިބްރާޙިމް މުހައްމަދު އެވެ. އަދި އިބްރާޙިމް މުހައްމަދުގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވާފައި ވަނީ ކުޅުދުއްފުށީ އުތުރު ދާއިރާ މެމްބަރު މުހައްމަދު ދާވޫދު އެވެ.
މިއަދުގެ ބައްދަލުވުމުގައި ކޮމެޓީގެ ނައިބު މުގައްރިރަކަށް ހަމަޖައްސާފައިވަނީ ކުޅުދުއްފުށީ އުތުރު ދާއިރާ މެމްބަރު މުހައްމަދު ދާވޫދު އެވެ. މުހައްމަދު ދާވޫދުގެ ނަން ކޮމެޓީއަށް ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު އަފޫ ހާމިދު އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ވިލިނގިލި ދާއިރާގެ މެމްބަރު އާޒިމް އަބްދުލްއަޒީޒް އެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ޖުޅުންތަކުގެ ކޮމެޓީގައި ހިމެނިވަޑައިގަންނަވީ ޖުމުލަ 11 މެމްބަރުންނެވެ. އެގޮތުން މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް ކޮންގްރެސް ޕާޓީގެ 9 މެމްބަރުން ހިމެނިވަޑައިގަންނަވާއިރު އެމްޑީޕީގެ ދެ މެމްބަރުން މި ކޮމެޓީގައި ހިމެނިވަޑައިގަންނަވައެވެ.
މުގައްރިރާއި ނައިބު މުގައްރިރުގެ އިތުރުން އެ ކޮމީޓީގައި ދެން ހިމެނިވަޑައިގަންނަވާ 9 މެންބަރުން:
- ފުވައްމުލައް ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން
- ކެނދިކުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު އަފޫ ހާމިދު
- ހިންނަވަރު ދާއިރާ މެމްބަރު މުހައްމަދު އަބްދުއްރަހުމާން
- ގުރައިދޫ ދާއިރާގެ މެމްބަރު ހަނާން މުހައްމަދު ރަޝީދު
- ވިލިނގިލި ދާއިރާގެ މެމްބަރު އާޒިމް އަބްދުލްއަޒީޒް
- ހުޅުމާލެ މެދު ދާއިރާގެ މެމްބަރު އަބްދުالله ޝަޒީމް
- މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އިބްރާޙިމް މުހައްމަދު
- މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ
- ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 116 ވަނަ މާއްދާގެ ދަށުން، މި ކޮމިޓީގެ މަސްއޫލިއްޔަތަކީ، ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މަސްއޫލިއްޔަތަކީ، ޚާރިޖީ ގުޅުންތަކުގެ ކަންކަން ދިރާސާކުރުމާއި ޚާރިޖީ ގުޅުންތަކުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ، އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމާއި، އަދި ޚާރިޖީ ގުޅުންތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި ޚާރިޖީ ދާއިރާއާގުޅޭ މަސައްކަތް ރާވައި ހިންގާ ކޮންމެ އިދާރާއަކާ ގުޅުންހުރި ކަންކަން ކުރުމެވެ.
މިގޮތުން، އެ އިދާރާތަކުން ހުށަހަޅާ ބިލުތައް ދިރާސާކޮށް، ފުރިހަމަކޮށް، ރައްޔިތުންގެ މަޖިލީހުން ރިޢާޔަތްކޮށްދިނުން އެދި ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމާއި، އަހަރީ ރިޕޯޓުތައް ދިރާސާކޮށް، އިޞްލާޙުކުރަންޖެހޭ ކަންކަން ފާހަގަކޮށް އެ ކަންކަން އެންގުމާއި، އެ އިދާރާތަކުން ހުށަހަޅާ މައްސަލަތައް ދިރާސާކޮށް، އެކަންކަމުގައި ކުރިއަށް ދެވިދާނެގޮތުގެ ލަފާދިނުމާއި، އެ އިދާރާތަކާ ބައްދަލުކޮށް، އެ އިދާރާތަކުން ހިންގާ ކަންކަމާ ބެހޭގޮތުން މަޢުލޫމާތު ހޯދައި، ސުވާލުކޮށް، އެ އިދާރާތަކުން ކުރަންޖެހޭ ކަންކަން އެ އިދާރާތަކުން ކުރަމުންދާގޮތް ބަލައި، އިޞްލާޙުކުރަންޖެހޭ ކަންކަން ބަޔާންކޮށްދިނުމެވެ.
މީގެ އިތުރުން، ސަރުކާރާއި ބޭރު ޤައުމުތަކުގެ ސަރުކާރުތަކާ އޮންނަ ގުޅުން ދިރާސާކުރުމާއި، ދިވެހިރާއްޖެ މެންބަރަކަށްވެފައިވާ ބައިނަލްއަޤްވާމީ އެކިއެކި ޖަމާޢަތްތަކާއެކު ދިވެހިރާއްޖެއިން ގެންގުޅޭ ގުޅުން ދިރާސާކުރުންވެސް ހިމެނެއެވެ. އަދި ބޭރުގެ ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ދިވެހިރާއްޖެއިން ވާ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލާންޖެހޭ ބާވަތުގެ މުޢާހަދާތަކާއި އެނޫންވެސް އެއްބަސްވުންތައް ދިރާސާކުރުމާއި، ބޭރުޤައުމުތަކަށާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުންނަށް ރުހުންދިނުމާގުޅޭ މައްސަލަތައް ދިރާސާކުރުމާއި، މަޖިލީހުން ރިޢާޔަތްކޮށްދިނުން އެދި ކޮމިޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުންވެސް ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.