ވެމްކޯގެ “ފައްޓަމާ”: ވެމްކޯގެ ތިނަދޫ މުވައްޒަފުންގެ ހުނަރު، ކުރު ވީޑިއޯއަކުން!
އަހުމަދު ޝުރާއު
5/30/2024, 7:45:04 AM
ވެމްކޯ ފައްޓަމާ ވީޑިއޯގެ މަންޒަރެއް!
މިއަދު މީސް މީޑިއާއަށް ރާއްޖޭގައި ކުނި މެނޭޖްކުރާ ވެމްކޯއިން ދޫކޮށްލީ ވަރަށް ތަފާތު ވީޑިއޯއެކެވެ. ހުވަދު އަތޮޅު ދެކުނު ބުރީ ތިނަދޫގައި ވެމްކޯއިން ބާއްވަން ތައްޔާރުވަމުން އަންނަ އާއިލީ ހަވީރުގެ ޕްރޮމޯޝަނަލް ވީޑިއޯއެކެވެ. ހުވަދޫ ބަހުން ގެނެސްދިން ވީޑިއޯއެކެވެ.
ވީޑިއޯގައި ރޭޑިއޯއާއި ދުފާތަބައް ހިފައިން ތުއްތުކަލޯ ގެއިން ނުކުމެ އިށީންދެލީ މަރިޔަންދައްތާ ކައިރީގައި ޖޯލީގައި އެވެ. ރޭޑިއޯއިން ގޮވަމުން ދިޔައީ ތިނަދޫގައި އަންނަ ހޮނިހިރު ދުވަހު ބާއްވާ އާއިލީ ހަވީރުގެ ވާހަކައެވެ. ތިނަދޫގެ ވެށި ހިމާޔާތް ކުރަން ވެމްކޯއިން ނުކުންނަށް ތައްޔާރުވެފައިވާ ވާހަކައެވެ. ތުއްތުކަލޯއަށް ރޭޑީއޯއިން ގޮވަމުން ދިޔަ އެއްޗެއް ސާފެއް ނުވި އެވެ. މަރިޔަންދައްތަ އާއި އެގޭގެ ތެން ތިބި އަންހެން ވެރިން ޖެހުނީ ތުއްތު ކަލޯއަށް އާއިލީ ހަވީރާއި ގުޅޭ މައުލޫމާތު ސާފުކޮށްދޭށެވެ.
އެގޮތުން ރޭޑިއޯއިން ބުނަމުންދާ އާއިލީ ހަވީރަކީ އަންނަ ހޮނިހިރު ދުވަހު ތިނަދޫގައި ވެމްކޯއިން ބާއްވާ އާއިލީ ހަވީރެކެވެ. މި އާއިލީ ހަވީރަކީ ވެމްކޯގެ ހިދުމަތް ރަސްމީކޮށް ތިނަދޫގައި ފެށުމުގެ ގޮތުން ބާއްވާ އާއިލީ ހަވީރެކެވެ. މި އާއިލީ ހަވީރުގެ ތެރެއިން ވެކްމޯގެ ހިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވެސް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައި އެވެ. ރެޖިސްޓްރީ ކުރުމަށް ގޭގެ ރަޖިސްޓްރީ ނުވަތަ ރަށްވެހިންގެ ރަޖިސްޓްރީ ބޭނުންވާނެ އެވެ.
ތިނަދޫގެ ގިނަ ބަޔެއްގެ ޝައުގުވެރިކަން ދަމާގަތް މި ވީޑިއޯއިން ފެނިގެންދަނީ ވެކްމޯ ތިނަދޫ އޮޕަރޭޝަންސްގެ މުވައްޒަފުންނެވެ. ކޮންމެ އަކަސް ތިނަދޫގެ ވެމްކޯ މުވައްޒަފުންނަކީ ހުރިހާ ރޮގަކުންވެސް ހުނަރުން ފުރިގެންވާ ބައެއްކަން މި ވީޑޯއިން ސާބިތުކޮށްދެއެވެ.
ތިނަދޫގައި ވެމްކޯގެ އޮޕަރޭޝަންތައް ފެށުމަށް ވާންޖެހޭ ގިނަ ތައްޔާރީތަކެއް މިހާރު ވަނީ ވެނިމިފައި އެވެ. އެގޮތުން އޮޕަރޭޝަނަށް ބޭނުންވާ މުވައްޒަފުން މިހާރު ނެގި އޮޕަރޭޝަނަށް މުވައްޒަަފުން ތަމްރީން ކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި އެވެ. އަދި މީގެ އިތުރުން ވެމްކޯގެ ހިދުމަތަށް ބޭނުންވާ އުޅަނދުތައްވެސް މިހާރު ވަނީ އެރަށަށް ގެންގޮސްފައި އެވެ.