އަލީބާބާގެ ޓްރެވެލް ޕްލެޓްފޯމްގައި ރާއްޖެ އިސްތިހާރުކުރުމަށް މަޝްވަރާކޮށްފި
އަހުމަދު ޝުރާއު
5/29/2024, 12:36:13 PM
މިނިސްޓަރ ފައިސަލް އާއި ފްލިގީގެ ސީއީއޯ
ޗައިނާގެ މަޝްހޫރޫ ވިޔަފާރި ކުންފުނި އަލީބާބާގެ އިސްވެރިންނާއި ޓުއަރިޒަމް މިނިސްޓަރ އަހުމަދު ފައިސަލް ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުމުން ކުރިޔަށް ގެންގޮސްފައިވަނީ އައިޓީބީ ޗައިނާ ފެއާގައި ބައިވެރިވުމަށް ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލްއާއި މިނިސްޓްރީގެ އިސްވެރިން ޗައިނާއަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން މިއަދު އަލީބާބާގެ ހެޑްކުއާޓާރ ގައި އެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން މިނިސްޓަރ ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޢަލީބާބާގެ ހެޑްކުއާޓާސްއަށް މިއަދު ކުރެވުނު ޒިޔާރާތަކީ އުފެއްދުންތެރި ޒިޔާރަތެއް ކަމަށާއި އެކުންފުނީގެ އިސްވެރިންނާއި އެކު ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އަލީބާބާގެ ޓްރެވަލް ޕްލެޓްފޯމް، ފްލިގީއާ ގުޅިގެން މަސައްކަތް ކުރުމަށްޓަކައި މަޝްވަރާކުރެވުނު ކަމަށެވެ.
އެގޮތުން އަލީބާބާއާއި އެކު ރާއްޖެ އިސްތިހާރުކުރުމަށް އެޑްވާންސްޓެކް އަދި އިނޮވޭޓިވް ސްޓްރެޓެޖީތަކުގެ ބޭނުން ހިފޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި އަލީބާބާ ގްރޫޕުގެ ވައިސް ޕްރެސިޑެންޓް އަދި ފްލީގީގެ ސީއީއޯ ޒޯރަން ޒުއާންގް ބައިވެރިވަޑައިގެންނެވި އެވެ.
މިނިސްޓަރ ފައިސަލް މިހާރު ޗައިނާއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޗައިނާގެ ގިނަ ކުންފުނިތަކާއި އެކު އަންނަނީ އުފެއްދުންތެރި މަޝްވަރާ ބައްދަލުވުންތަކެއް ކުރިޔަށް ގެންދަމުންނެވެ..