logoEN
cocacola
ސައުދީ ޕްރޮފެޝަނަލް ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑުޖެހުމުގެ ރެކޯޑް ރޮނާލްޑޯއަށް

ސައުދީ ޕްރޮފެޝަނަލް ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑުޖެހުމުގެ ރެކޯޑް ރޮނާލްޑޯއަށް

ހަސަން ޝަމްއޫން

logo

5/27/2024, 7:39:31 PM

# ކްރިސްޓިއާނޯ ރޮނާލްޑޯ# އަލް ނަސްރު # ސައުދީ ޕްރޮފެޝަނަލް ލީގު# އަލް އިއްތިހާދު# ބޭރު ދުނިޔޭގެ ކުޅިވަރު

ރޮނާލްޑޯ އަލް އިއްތިހާދު ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

ސައުދީ ޕްރޮފެޝަނަލް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި އަލް އިއްތިހާދާއި ދެކޮޅަށް ކުޅުނު މެޗުގައި އަލް ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެލަނޑާއެކު ސައުދި ލީގުގެ ތާރީޚުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑުޖެހުމުގެ ޝަރަފް ރޮނާލްޑޯއަށް ލިބިއްޖެއެވެ.

ގޮސިޔާ

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އަލް ނަސްރުންނެވެ. މިލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި އަލް އިއްތިހާދަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ ފަހުހާފުގެ 66 ވަނަ މިނެޓުގައި އެޓީމުގެ ޒުވާން ޑިފެންޑަރު ސްވައިލެމް އަލް މެންހައަލީ ރޮނާލްޑޯއަށް ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ސީދާ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.

އަލް ނަސްރުން ލީޑު ފުޅާކުރި ލަނޑު، ފަހުހާފުގެ 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި އެޓީމުގެ ކްރޮއޭޝިއާ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މިސީޒަނުގައި ލީގުގައި ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 35 އަށް އަރާފައެވެ.

މީގެ ކުރިން ސައުދީ ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑުޖެހުމުގެ ރެކޯޑް އޮތީ އަލް ނަސްރުގެ ކުރީގެ ފޯވާޑް އަބްދުއް ރައްޒާކް ހަމްދުﷲ އަތުގައެވެ. އޭނާ ވަނީ 2018/19 ވަނަ ސީޒަނުގައި ސައުދީ ލީގުގައި އަލް ނަސްރަށް 34 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިމެޗުގައި އަލް ނަސްރުން ކާމިޔާނުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 79 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އަބްދުއްރަހުމާން ގަރީބް އެވެ.

އަލް އިއްތިހާދުން ފަރަގު ކުޑަކުރި ލަނޑު ދެވަނަ ހާފުގެ 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން މިޑްފީލްޑަރު ފަރަހާހް އަލް ޝަމްރަނީ އެވެ. އަދި މެޗުގެ އިތުރުވަގުތުގެ ތެރޭގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-2 އަށް ބަދަލުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ފަބީނިއޯ އެވެ.

ނަމަވެސް އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގައި އަލް ނަސްރުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަލުން ދެލަނޑުގެ ލީޑެއް ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޒުވާން ފޯވާޑް މެޝާރީ އަލް ނެމާރ އެވެ. އަދި މިލަނޑައެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖާއަކުން އަލް ނަސްރު ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 34 މެޗުން އަލް ނަސްރަށް 82 ޕޮއިންޓް ލިބިފައިވާއިރު، އެޓީމުން ލީގު ސީޒަން ނިންމާލީ ލީގުތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލް އިއްތިހާދުން ލީގުގައި ކުޅުނު 34 މެޗުން ލިބުނު 54 ޕޮއިންޓާއެކު އެޓީމުން ސީޒަން ނިންމާލީ ލީގު ތާވަލުގެ ފަސް ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ