logoEN
WAMCO TOP 1
ގްރީން ސްޓްރީޓް ބަލިކޮށް ގައުމީ ތަށި މެޓްރިކްސް އިން  ކާމިޔާބުކޮށްފި

ގްރީން ސްޓްރީޓް ބަލިކޮށް ގައުމީ ތަށި މެޓްރިކްސް އިން ކާމިޔާބުކޮށްފި

ހަސަން ޝަމްއޫން

logo

5/25/2024, 11:05:26 AM

# ނެޓްބޯޅަ # ދިވެހި ކުޅިވަރު

މެޓްރިކްސްގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީ އާއެކު އުފާފާޅުކުރަނީ

21 ވަނަ ގައުމީ ނެޓްބޯޅަ މުބާރާތުގެ ފައިނަލުގައި ބުރާސްފަތި ދުވަހުގެ ރޭ ވާދަވެރި ކުޅުމަކަށްފަހު ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށް މުބާރަތުގެ ޗެންޕިއަންކަން ކްލަބު މެޓްރިކްސްއިން ހޯދައިފިއެވެ.

THE TRAVELLER AD

ގައުމީ ނެޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަނުގައި މިއަހަރު ފަސް ޓީމަކުން ވާދަކޮށްފައިވާއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖައެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ. އެގޮތުން ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި މެޓްރިކްސް ފައިނަލުން ޖާގަ ހޯދިއިރު، ގްރީން ސްޓްރީޓް ފައިނަލުން ޖާގަ ހޯދީ ލީގުބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ބުރާސްފަތި ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުފައި ކުޅެވުނު ފޯރިގަދަ ފައިނަލް މެޗު މެޓްރިކްސްއިން ކާމިޔާބުކުރީ 57-46 ގެ ނަތީޖާއަކުންނެވެ. މިއީ މިއަހަރު މެޓްރިކްސް އިން ހޯދީ ގައުމީ ފެންވަރުގައި ކާމިޔާބުކުރި ދެވަނަ ތައްޓެވެ. މީގެ ކުރިން އެޓީމުން ވަނީ މިއަހަރުގެ ކުރީކޮޅު ބޭއްވުނު ނެޓްބޯޅަ އެސޯސިއޭޝަން ކަޕްގެ ތަށިވެސް ކާމިޔަބުކޮށްފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް މެޓްރިކްސްގެ އީމާ އަބްދުއް ސައްތާރު ހޮވުނު އިރު، ގައުމީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އީމާ އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކީ ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކްލަބުގެ މިޝްކާ އަފްރާހް ހަސަނެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗަކީ މެޓްރިކްސްގެ ނީޝާ ހަލީމެވެ. މީގެ އިތުރުން ނިޝާ ވަނީ އެސޯސިއޭޝަން ކަޕްގެ އެންމެ މޮޅު ކޯޗެގެ މަގާމު ވެސް ހޯދާފައެވެ.

ގައުމީ މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ އެސެޓަ މޭރީ އޮޓަގާވައިއާ ( ގްރީން ސްޓްރީޓްސް)، މަރިޔަމް ޝިނާއަތު (ކްލަބު މެޓްރިކްސް)، އައިޝަތު ރީމާ (ގްރީން ސްޓްރީޓްސް)، ޝަނިކާ ޗަތުރަންގީ ޖަޔަސޫރިއާ (ކްލަބު މެޓްރިކްސް)، އައިމިނަތު ރަބާބު (ކްލަބު މެޓްރިކްސް)، އީމާ އަބްދުލް ސައްތާރު (ކްލަބު މެޓްރިކްސް)، ހަމްނާ އަބްދުލް ރަހްމާން (ކްލަބު މެޓްރިކްސް) އެވެ.

ކޮމެންޓް
ފަހުގެ
HDC