މެންޗެސްޓަރ ސިޓީއިން ޕްރިމިއާ ލީގު ކާމިޔާބުކޮށްފި
އަހުމަދު ޝުރާއު
5/19/2024, 5:37:05 PM
މެންޗެސްޓަރ ސިޓީ
އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން ވެސްޓްހަމް ބަލިކޮށް މެންޗެސްޓާ ސިޓީ އިން ލީގު ތަށި ދިފާއުކޮށްފިއެވެ. އަދި މިއީ ޕްރެމިއާ ލީގުގެ ތަށި އެޓީމުން ޖެހިޖެހިގެން ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ.
މެޗު ފެށިގެން ދެވަނަ މިނެޓުގައި ސިޓީ އިން ލަނޑެއް ކާމިޔާބުކޮށް ލީޑު ހޯދިއިރު، މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިސީޒަނުގެ ޕްރެމިއާ ލީގު މޮޅު ކުޅުންތެރިއާ ފިލް ފޮޑެން އެވެ. މިއީ އެޓީމުގެ ޕޯޗުގަލް މިޑްފީލްޑަރު ބެނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ސިޓީ އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި އެޓީމުގެ ބެލްޖިއަމް ފޯވާޑް ޖެރަމީ ޑޮކޫ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ވެސް ފޮޑެން އެވެ. އަދި މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 35 މެޗުގައި އޭނާ ކާމިޔާބުކުރި 19 ވަނަ ލަނޑެވެ.
ވެސްޓްހަމް އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ގާނާ ފޯވާޑް މުހައްމަދު ކުޑޫސް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިފެން މޮޅަށް ކުޅެ މެޗު ޑޮމިނޭޓް ކުރީ މެންޗެސްޓާ ސިޓީ އިންނެވެ. އަދި އެޓީމުން މިމެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީ ރޮޑްރީ އެވެ. މީގެ އިތުރުން ވެސް މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.
ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 3-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 38 މެޗުން މެންޗެސްޓާ ސިޓީއަށް 91 ލިބިފައިވާއިރު، މިމެޗުން ބަލިވި ވެސްޓްހަމް ސީޒަން ނިންމާލީ ލީގުގައި ކުޅުނު 38 މެޗުން ލިބުނު 52 ޕޮއިންޓާއެކު ލީގު ތާވަލުގެ ނުވަވަނައިގައެވެ.