logoEN
cocacola
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޗެލްސީއަށް ތަފާތުބޮޑު މޮޅެއް

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޗެލްސީއަށް ތަފާތުބޮޑު މޮޅެއް

ހަސަން ޝަމްއޫން

logo

4/16/2024, 3:50:40 AM

# ބޭރު ދުނިޔޭގެ ކުޅިވަރު# އިނގިރޭސި ޕްރިމިއާ ލީގު# ޗެލްސީ # އެވަޓަން

ޗެލްސީ އާއި އެވަޓަން ވާދަކުރި މެޗުގެ ތެރެއިިން

އިގިރޭސި ޕްރެމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އެވަޓަން ބަލިކޮށް ޗެލްސީ އިން ލީގު ތާވަލުގެ 9 ވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ގޮސިޔާ

ޗެލްސީ އިން އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިިން 7 މެޗުން އެޓީމު މޮޅުވެފައި ވާއިރު، އެއްމެޗުން ބަލިވެ އަނެއް ހަތަރު މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. އަދި މިއީ މިދެޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިިން ޗެލްސީ މޮޅުވި ދެވަނަ މެޗެވެ. ދެމެޗުން އެވަޓަން މޮޅުވިއިރު އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ޗެލްސީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު އެޓީމުން މެޗުގެ ލީޑު ހޯދީ ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު ކޯލް ޕަލްމާ އެވެ.

މިއީ އެޓީމުގެ ސެނަގާލް ފޯވާޑް ނިކޮލަސް ޖެކްސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އެވަޓަންގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ޗެލްސީގެ ލީޑު ފުޅާކޮށްދިނީ ވެސް ޕަލްމާ އެވެ. މިއީ ޗެލްސީގެ ކުޅުންތެރިއަކު ގޯލަށް ފޮނުވާލި ހަމަލާއެއް އެވަޓަންގެ ކީޕަރު އަތުގައި ޖެހިފައި ނުކުތް ބޯޅަ މުޅިން ހުސްކޮށް ހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިމެޗުގައި ޗެލްސީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް ޕަލްމާ އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 29 ވަނަ މިނެޓުގައެވެ. މިއީ އެވަޓަންގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އެވަޓަންގެ ހާފު މެދެންހާ ހިސާބުހުރެ މަތިމަތިން ކުރިއަށް ފޮނުވާލި ބޯޅަ ގޯލަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޗެލްސީގެ ހަތަރުވަނަ ލަނޑު ފުރަތަމަ ހާފުގެ 44 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ނިކޮލަސް ޖެކްސަން އެވެ. މިއީ އެޓީމުގެ ޑިފެންޑަރު މާކް ކުކުރެލާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 28 މެޗުގައި އޭނާ ކާމިޔާބުކުރި 10 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 4-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ޗެލްސީ އިން އިތުރު ދެ ލަނޑު ކާމިޔާބުކުރި އިރު، މިމެޗުގައި އެޓީމުން ކާމިޔާބުކުރި ފަސްވަނަ ލަނޑު ފަހުހާފުގެ 64 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީ ފުރަތަަމަ ހާފުގައި ހެޓްރިކް ހެދި ޒުވާން މިޑްފީލްޑަރު ކޯލް ޕަލްމާ އެވެ.

މިއީ މިސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޕަލްމާ ލީގުގައި ކުޅުނު 27 މެޗުގައި އޭނާ ކާމިޔާބުކުރި 20 ވަނަ ލަނޑެވެ. އަދި މިލަނޑާއެކު އޭނާ ވެގެން ގޮސްފައިވަނީ ޗެލްސީގެ ތާރީޚްގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 7 ލީގު މެޗުގައި ލަނޑުޖެހި ފުރަތަަމަ ކުޅުންތެރިއާއަށެވެ.

މިމެޗުގައި ޗެލްސީގެ ހަވަނަ ލަނޑު ފަހުހާފުގެ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ޑިފެންޑަރު އަލްފީ ގިލްކްރިސްޓް އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 6-0 ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލީގުގައި ކުޅުނު 31 މެޗުން ޗެލްސީއަށް 47 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 9 ވަނައިގައެވެ. އަދި މިމެޗުން ބަލިވި އެވަޓަން އިން ލީގުގައި ކުޅުނު 32 މެޗުން ލިބުނު 27 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 16 ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ